ކޮވިޑް 19 އަށް ޓެސްޓުކުރުމަށް ނަގާ ސާމްޕަލްގެ އަދަދު ދަށްވެ، ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ދަށްވާން ފަށައިފިއެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 1942 މީހަކު ކޮވިޑް 19 އަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގާފައިވާއިރު، މިއަދު މުޅި ރާއްޖެއިން ޖުމްލަ 5343 މީހަކު ވަނީ ސާމްޕަލް ނަގާފައެވެ.

މިދިޔަ ޖެނުއަރީ މަހުން ފެށިގެން ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވަމުން އަންނައިރު މިދިޔަ މަހުގެ ތެރޭގައި ވަނީ 7000 އަށް ވުރެ ގިނަ މީހުންގެ ސާމްޕަލް 24 ގަޑިއިރުގެ ތެރޭގައި ނަގާފައެވެ. އަދި މިހާރު މިއަދަދު ދަށްވަމުން އަންނަ ވަރަކަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް އަންނަނީ މަދުވަމުންނެވެ. އެގޮތުން މިދިޔަ މަހުގެ ބައެއް ދުވަސް ދުވަހު 2000 އަށް ވުރެ ގިނަ މީހުން ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވެއެވެ.

ސާމްޕަލް ނަގާ އަދަދު މަދުވެ، ކޮވިޑަށް ޕޮޒިޓިވްވާ މީހުން މަދުވި ކަމުގައި ވިޔަސް އަދިވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 1500 އަށް ވުރެ މަތީގައެވެ. އަދި މިއަދުވެސް ވަނީ 1576 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އިތުުރުވެފައިވާ ދަނޑިވަޅެއްގައި ގިނަ އަދަދެއްގެ މީހުން ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރުގެ މިހާތަނަށް 22 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. އަދި މިވަގުތުވެސް އެނދުމަތިކޮށްގެން 60 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުން އަތޮޅު ތެރެއިން އިތުރުވެފައިވާއިރު ގިނަ ރަށްތަކެއް ވަނީ މޮނިޓަރިންގެ ހާލަތަށްވެސް ގެނެސްފައެވެ. މިއަދު މާލެއިން 517 މީހުން ޕޮޒިޓިވްވި އިރު އަތޮޅު ތެރެއިން 771 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ރިސޯޓުތަކުން 87 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.