ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ބޭންކިން ޑައިރެކްޓަރެއްގެ މަގާމަށް ހަސަން ކަލާމް ހަމަޖައްސައިފިއެވެ.

ބީއެމްއެލްއިން ބުނީ ކަލާމް އަންނަނީ 2013 ވަނަ އަހަރުން ފެށިގެން އެ ބޭންކަށް ހިދުމަތްކޮށްދެމުން ކަމަށާއި ފައިނޭންޝަލް ސާވިސް އަދި ބޭންކިންގެ ދާއިރާގައި 10 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ އޭނާ ހޯދައިފާވާ ކަމަށެވެ. އަދި ކަލާމް ވަނީ ޝަރީއާ އެޑްވައިސިން ލައިސަންސް ވެސް ހޯދާފައެވެ.

ބީއެމްއެލްއިން ބުނީ މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ކަލާމް ހުންނެވީ ބީއެމްއެލް އިސްލާމިކްގެ އިންޓެރިމް އިންޗާޖް ގެ މަގާމުގައި ކަމަށެވެ.

މި މަގާމަށް ކަލާމް އައްޔަނުކުރުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ޓިމް ސޯޔާ ވަނީ މަރުހަބާ ދަންނަވާފައެވެ. އަދި ކަލާމުގެ ތަޖުރިބާގެ ބޭނުން ހިފައިގެން ބީއެމްއެލް އިސްލާމިކްގެ ހިދުމަތް އިތުރަށް ފުޅާކުރާއިރު ކަސްޓަމަރުންން ބޭނުންވާ ފަދަ ބަދަލުތަކެއް ގެނެވޭނެކަމަށެވެ.

" ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިންގެ ގޮތުގައި ކަލާމް ބޭންކުގެ އެގްޒެކްޓިވް ޓީމާ ގުޅިވަޑައިގެންނެވުމުން މަރުހަބާ ދަންނަވަން. ޝަރުއީ ހަމަތަކަށް ފުރިހަމައަށް ފެތޭ ގޮތަށް އިސްލާމިކް ބޭންކިންގެ ހިދުމަތް އިތުރަށް ފުޅާކުރާއިރު، އިސްލާމިކް ބޭންކިން އާ ގުޅޭ ގޮތުން ކަލާމަށް ލިބިލައްވާފައިވާ ތަޖުރިބާގެ އަލީގައި ކަސްޓަމަރުން ބޭނުންވާފަދަ ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާމެދު އަޅުގަނޑަށް ފުރިހަމަ އިތުރުބާރު އެބައޮތް. މި އައު މަގާމާއި ކުރިމަތިލާއިރު ކަލާމް އަށް ކާމިޔާބަށް އެދެން."
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާ

ރާއްޖޭގެ އެންމެ ގިނަ މުވައްޒަފުން ތިބި އެއް ކުންފުނި ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސްގެ 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.