ދިވެހިންގެ މެދުގައިވެސް މަގުބޫލު އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު މަރުވެއްޖެއެވެ.

ލަތާ މަރުވީ، ކޮވިޑް-19 އާއި ނިއުމޯނިއާ ޖެހި މަހެއްހާ ދުވަހު ފަރުވާ ހޯދުމަށް ފަހު ބަލިން ފަސޭހަވި ނަމަވެސް ސިއްހީ އެހެން ބައެއް މައްސަލަތައް ހުރުމާއެކު ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާ މަރުވީ މިއަދު ހެނދުނުގެ ވަގުތެއްގައި، މުމްބާއި ބްރީޗް ކޭންޑީ ހޮސްޕިޓަލުގައެވެ.

ލަތާ މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވް ވެ ހާލު ގޯސްވެ، ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު ވެންޓިލޭޓަރުން ނެގީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

އިންޑިއާގެ ނައިޓިންގް ގޭލް (ގަގުނަސް ދޫނި) ގެ ނަމުން މަޝްހޫރު ވެފައި ވާ ލަތާ އަކީ، ރީތި އެތައް ލަވަތަކެއް ކިޔާފައިވާ ކުޅަދާނަ ފަންނާނެކެވެ. ހިންދީ، މަރާޓީ، ބެންގާލީ އަދި އެހެން ބައެއް ބަސަތްކުން ލަވަކިޔާފައިވާ ލަތާއަކީ، މުޅި އިންޑިއާގައިވެސް އެފަދަ ދެވަނައެއް ނެތް ލަވަކިޔުންތެރިއެކެވެ.

އޭނާ ވަނީ މިހާތަނަށް 1000 އަށް ވުރެ ގިނަ ފިލްމަށް ލަވަ ކިޔައިދީފައެވެ. ޖާދުލެއް ފަދަ ލަތާގެ އަޑުން އެންމެ ފަހުން ލަވައެއް ކިޔައިފައި ވަނީ 2004 ވަނަ އަހަރު ނެރުނު ފިލްމް ވީރުޒާރާއަށެެވެ. އޭރު އޭނާއަށް 75 އަހަރެވެ.

އިންޑިއާގެ ރައްޔިތުންނަށް ދޭ އެންމެ ޝަރަފްވެރި އިނާމް ބާރަތު ރަތުނާގެ އެވޯޑާއި، ދާދާ ސާހިބް ޕަލްކޭ އެވޯޑާއި، ޕަދްމާ ވިބޫޝަން އެވޯޑާއި ޕަދްމާ ބޫޝަން އެވޯޑުގެ އިތުރުން ފިލްމް ފެއާ އެވޯޑްތައް އޭނާއަށް ލިބިފައި ވެއެވެ.

ލަތާ މަރުވި އިރު އުމުރަކީ 92 އަހަރެވެ.