މުޅި ދުނިޔެ ސިއްސުވާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެކި ގައުމުތަކުން އެންމެ ފުރަތަމަވެސް ތަންފީޒު ކުރަން ފެށި އެއް ފިޔަވަޅަކީ ލޮކްޑައުންގެ ހަރުކަށި އަމުރެވެ. ކަން މިހެން އޮތް ނަމަވެސް، ލޮކްޑައުންގެ ސަބަބުން ކޮވިޑް މަރުގެ އަދަދުތަކަށް މާ ބޮޑު އެދެވޭ އަސަރެއް ނުކުރާ ކަމަށް ދިރާސާއަކުން ވަނީ ދައްކާފައެވެ.
އެގޮތުން، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރާ އެހެން ފިޔަވަޅުތަކާ އަޅާ ބަލާއިރު، ލޮކްޑައުންއެއްގެ ސަބަބުން މަރުގެ އަދަދުތަކަށް މާ ބޮޑު އެދެވޭ އަސަރެއް ނުވަތަ އެއްވެސް އަސަރެއް ނުކުރާ ކަމަށް ދިރާސާއިން ވަނީ ދައްކަފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ބަލިމަޑުކަމަކާ ކުރިމަތިލާއިރު، ލޮކްޑައުން ފަދަ ފިޔަވަޅެއް ނޭޅުމަށްވެސް ދިރާސާ ވަނީ ގޮވާލާފައެވެ.
ދުނިޔޭގެ އެކި ހިސާބުތަކުން، އެކި ގައުމުތަކުން ތަންފީޒު ކުރި އެކި ފިޔަވަޅުތައް ވަޒަން ކޮށްގެން މި ދިރާސާ ކުރިއަށް ގެންދިޔައީ އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓިއާއި، ސްވީޑަންގެ ލަންޑް ޔުނިވާސިޓީ އަދި ޑެންމާކުގެ ސެންޓާ ފޮ ޕޮލިޓިކަލް ސްޓަޑީޒްގެ ތަޖުރިބާކާރުން ކަމަށް މައުލޫމާތު ލިބެއެވެ.
ކޮވިޑް-19 ފެތުރިގެން ދިއުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރި ލޮކްޑައުންގެ ސަބަބުން ބޭރަށް ނިކުމެ އުޅުން މަނާވުމާއެކު، މަރުގެ ކޭސްތައް އިތުރުވުމަށް މަގުފަހި ކުރި ކަމަށްވެސް ރިސާޗަރުން ވަނީ ވަކާލާތު ކޮށްފައެވެ. އެއްވުންތައް މަދު ކުރުމުގެ ނަތީޖާ ނިކުތީ އުއްމީދު ކުރި ގޮތާ ހިލާފަށް، ކޮވިޑް މަރުތައް އިތުރު ކުރަމުން ކަމަށް ދިރާސާގެ މުސައްނިފުން ވަނީ ބުނެފައެވެ.
ކަން މިހެން އޮތް އިރު، ކޮވިޑްގެ މަރުގެ ކޭސް ނަމްބަރު ދަށްކުރި ފިޔަވަޅުތަކެއް ހުރި ކަންވެސް ދިރާސާ ޓީމުން ވަނީ ފާހަގަ ކޮށްފައެވެ. އެގޮތުން ސްކޫލްތަކުގައި ކިޔަވައިދިނުން ހުއްޓާލުމުން، ކޮވިޑްގައި މަރުވާ ނިސްބަތް 4.4 ޕަސެންޓް ދަށް ކުރެވުނު ކަމަށް ދިރާސާ ބުނެއެވެ. އެއާ ހިލާފަށް، ގޭގައި ތިބެން މަޖުބޫރު ކުރުމުން ކޮވިޑް މަރުގެ ނިސްބަތް ކުޑަވީ 2.9 ޕަސެންޓަށް ކަމަށާ، ބޯޑާ ކޮންޓްރޯލްގެ ސަބަބުން މި އަދަދު އުޅުނީ 0.1 ޕަސެންޓްގައި ކަމަށްވެސް ދިރާސާ ބުނެއެވެ.
އަދި ގާނޫނީ އިމުގެ ތެރެއިން ތަންފީޒު ކުރި ލޮކްޑައުންގެ އަމުރާއެކު، ކޮވިޑް މަރުގެ ނިސްބަތް ދަށް ކުރެވުނީ އެންމެ 0.2 ޕަސެންޓަށް ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.
ކޮވިޑްގެ އެންމެ ހައްސާސީ ވަގުތުގައި ލޮކްޑައުންގެ ހަރުކަށި އަމުރު ތަންފީޒު ކުރުމުގެ ސަބަބުން، ނޭދެވޭ އަސަރުތަކެއް ކުރި ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. އެގޮތުން އިގުތިސޯދީ ހަރަކާތްތައް ހުއްޓުމާ، ވަޒީފާ ގެއްލުމާ، ކިއުވުމުގެ ފުރުސަތު ހަނިވުމާ، ސިޔާސީ ހަމަނުޖެހުންތަކުގެ އިތުރުން ގެވެށި އަނިޔާ އިތުރުވުމާ، މިނިވަން ޑިމޮކްރަސީ ފިތުން ފަދަ ކަންކަން ހިމެނޭ ކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފައެވެ.