ހުރިހާ މައިދާނެއްގައި ހެން ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ގައުމުގެ މަގާމަށް ނުސީދާ ގޮތުން ވާދަ ކުރަމުން އަންނަ އަވަށްޓެރި އިންޑިއާއިން މިހާރު އަމާޒު ހިފާފައި ވަނީ ޓެކްނޮލޮޖީގެ ރޮނގުންވެސް 1 ނަމްބަރު ކަށަވަރު ކުރުމަށޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ހުޅަނގާއި އިރުމަތީ އޭޝިއާގެ ބޮޑެތި ކުންފުނިތަކުން ކޮންޓްރޯލް ކުރަމުން އަންނަ ޓެކްނޮލޮޖީގެ ސިނާއަތުގައި އިންޑިއާގެ ނުފޫޒު ގަދަ ކުރުމަށް އެ ގައުމުން ދަނީ މި ރޫހުގައި މަސައްކަތްތަކެއް ކުރަމުންނެވެ.

މިހާ ހިސާބުން އުފެދޭ އެއް ސުވާލަކީ، އިންޑިއާގެ މައިކްރޯބްލޮގިންގް އެޕް، "ކޫ"އަށް، ދުނިޔޭގެ ސޯޝަލް މީޑިއާ ފަތަހަ ކުރި ޓްވިޓާ ވައްޓާލެވިދާނެ ތޯ ކުރެވޭ ސުވާލެވެ. ކޫގެ ކޯފައުންޑަރެއް ކަމަށް ވާ މާޔަންކް ބިޑަވަޓުކާގެ ވާހަކައިން، އެކަން އޮތީ އެހެނެވެ. އިންޑިއާގައި ޓްވިޓާ ބޭނުން ހިފާ 25 މިލިއަން އެކައުންޓް އޮތް އިރު، މި ހިނގާ 2022 ވަނަ އަހަރުގެ ތެރޭގައި ކޫ އިން އެ ފާހަގަ ހުރަސް ކުރާނެ ކަމަށް، ބިޑަވަޓުކާ ވަނީ ބުނެފައެވެ.

2021 ވަނަ އަހަރު ނިމުނު އިރު، އިންޑިއާގެ އެކި ކަންކޮޅުތަކުން 20 މިލިއަން ޑައުންލޯޑްސް، ކޫއަށް ލިބިފައިވެއެވެ.

އިންޑިއާގައި މަގުބޫލުވަމުން އަންނަ މައިކްރޯބްލޮގިންގް އެޕެއް ކަމަށް ވާ ކޫ / ފޮޓޯ: މެންސް އެކްޕީ

އިނގިރޭސިވެސް ހިމެނޭހެން މިހާރުވެސް 10 ބަހަކުން ކޫގެ ހިދުމަތް ލިބޭ އިރު، މި އަހަރު ނިމޭއިރު، އިންޑިއާގައި ރަސްމީކޮށް ބަލައިގެންފައިވާ 22 ބަސް ކަވަރު ކުރެވޭނެ ކަމަށް ބިޑަވަޓުކާ ބުނެއެވެ.

އިންޑިއާގެ އާބާދީގައި އިނގިރޭސި ބަހަށް ހާއްސަ ނޫން މީހުންނަށް އަމާޒު ކޮށްގެން 2020 ވަނަ އަހަރު އުފެއްދި ކޫ، 2021 ވަނަ އަހަރު ނައިޖީރިއާއަށް ފުޅާ ކުރިއެވެ. އެއީ ނައިޖީރިއާގެ ސަރުކާރުން، ޓްވިޓާ ބޭނުން ކުރުން މަނާ ކުރި ހިސާބުންނެވެ.

ގިނަ ބައެއްގެ ސަމާލުކަން، 2021 ވަނަ އަހަރު ކޫއަށް އަމާޒުވީ، އެމެރިކާގެ މައިކްރޯބްލޮގިންގް ޕްލެޓްފޯމް، ޓުވިޓާއާއި އިންޑިއާ ސަރުކާރާ ދެމެދު އުފެދުނު ހަމަނުޖެހުންތަކެއްގެ ސަބަބުންނެވެ.

ވަކި އެކައުންޓްތަކެއް ބްލޮކް ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އެދިވަޑައިގަތެވެ. ޓްވިޓާ އެންމެ ފުރަތަމަ އެކަމަށް އިހުތިރާމް ކޮށް، އެ އެކައުންޓްތައް ބްލޮކް ކުރިއެވެ. ނަމަވެސް ފަހުން އެ ކައުންޓްތައް ދޫކޮށްލިއެވެ. އެކަށީގެންވާ ހުއްޖަތެއް ނެތް ކަމަށް ބުނެއެވެ. މިއާއެކު އިންޑިއާ ސަރުކާރުން ވަނީ، އެ ގައުމުގައި ތިބި ޓްވިޓާ ކުންފުނީގެ މުވައްޒަފުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ ބިރު ދައްކާފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) އަދި ހޯމް މިނިސްޓަރު އަމީތު ޝާހް ސްމާޓްފޯނަކުން އެއްޗެއް ބައްލަވަނީ / ފޮޓޯ: ހިންދުސްތާން ޓައިމްސް

ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ ސިއްރިއްޔާތު ހިފެހެއްޓުމަކީ އިންޑިއާގެ އަދުގެ ސަރުކާރަށް ހަޖަމް ކުރަން މާ ފަސޭހަ ކަންކަމެއް ނޫނެވެ. އިންޑިއާއިން ތައާރަފު ކުރަމުން ދާ ޑިޖިޓަލް ގަވައިދުތަކަކީ ބަޔާންވެދިޔަ ކަންކަމަށް އުނިކަން ލިބޭ ދަރަޖައަށް ކަންބޮޑުވުން އުފައްދަނިވި ގަވައިދުތަކަށް ވާއިރު، ވަޓްސްއެޕްއިން އިންޑިއާގެ ސަރުކާރާ ދެކޮޅަށް ދައުވާ އުފުލި މަންޒަރުވެސް ފެނިގެން ދިޔައެވެ.

މޯދީގެ ސަރުކާރުން އެކުލަވާލި ޑިޖިޓަލް ގަވައިދުތަކަށް ޓްވިޓާއިން ކިޔަމަން ނުވި ހިސާބުން، ވެރިކަން ކުރާ ބާރުތިޔާ ޖަނާތާ ޕާޓީގެ އިސް މެންބަރުންތަކެއް، އެރޭން އެރެއަށް، ކޫއަށް ބަދަލުވެވަޑަގަތެވެ. އިންޑިއާގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިންނާއި ބޮލީވުޑް ތަރިންވެސް ކޫގައި ހަރަކާތްތެރިވާން ފެށިއެވެ. ނަމަވެސް ޓްވިޓާއާއި ރައްޓެހި މޯދީ، އޭނާގެ އެކައުންޓް ދެމެހެއްޓެވިއެވެ.