ށ. އަތޮޅުގެ ފީވަކާއި ގޮއިދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް އެމްޑަބްލިއުއެސްސީން ފަށައިފިއެވެ.

އެމްޑަބްލިއުއެސްސީން ބުނީ، ގޮއިދުއާއި ފީވަކުގެ ފެނާއި ނަރުދަމާގެ މަޝްރޫއުގެ މަސައްކަތްތައް ފަށައި، އަންނަނީ ކުރަމުން ކަމަށެވެ.

އެ ކުންފުނިން ބުނިގޮތުގައި، ފީވަކުގައި ކުރިއަށްދާ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތާއި، 9.18 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތް ކަމަށެވެ.

މީގެ އިތުރުން، ގޮއިދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުންދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތާއި، ފެނާއި ނަރުދަމާގެ މައި ނެޓްވޯކް ގާއިމްކުރުމުގެ މަސައްކަތާއި، ފެން ތާންގިތަކުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެ ދެ މަޝްރޫއުގެ ދަށުން ކުރާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ދެން ހިމެނެނީ:

  • ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުން
  • ފެން ރައްކާ ކުރުމަށްޓަކައި ތިން ތާންގި ބެހެއްޓުން
  • ގޭގޭގައި ފެން މީޓަރު ބަހައްޓައި ކަނެކްޝަން ގުޅައިދިނުން
  • ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމުގެ ހަތަރު ޕަންޕިން ސްޓޭޝަނާއި، އެއް ސީ އައުޓް ފޯލް ގާއިމްކުރުން
  • ގޮއިދޫގައި ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުން

ޖުމްލަ 135.65 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށް ގެންދާ މި ދެ މަޝްރޫއުގެ މަސައްކަތްތައް ނިމުމުން، ގޮއިދުއާއި ފީވަކުގެ ރައްޔިތުންނަށް ސާފު ބޯފެނާއި ނަރުދަމާ ލިބިގެން ދާނެ ކަމަށާއި، އެ ދެ ރަށުގައި ޖުމްލަ 15 ވަޒީފާއެއް އުފެދި ދެ ރަށުގެ ރައްޔިތުންނަށް ވަޒީފާ އަދާކުރެވޭނެ ފުރުސަތު ލިބިގެން ދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ.

މިހާރުވެސް ގިނަ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.