ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރިތާ 30 އަހަރު ވެގެން ދިއުމަކީ އިޒްރޭލާއި އިންޑިއާއަށްވެސް އިންތިހާއަށް މުހިންމު ކަމެއް ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އިޒްރޭލާއެކު ހިއްސާކުރަމުންދާ 'ހާއްސަ ގުޅުމަށް" އިޝާރާތް ކުރައްވަމުން މޯދީ ވިދާޅުވީ، މި ގުޅުމަކީ، އިންޑިއާއާއި އިޒްރޭލުގެ ކުރިއެރުމުގެ ވާހަކަތަކުގައި މުހިންމު ދައުރެއް އަދާ ކުރި ގުޅުމެއް ކަމަށް ވިދާޅުވެފައެވެ.

ބަދަލުވަމުން ދާ އަދުގެ ދުނިޔޭގައި، އިހުނަށް ވުރެ ބޮޑަށް، އިޒްރޭލާއި އިންޑިއާގެ ގުޅުން މުހިންމު ވެފައި ވާ ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ. އަދި މި ވަގުތަކީ، އެއްބާރުލުން ދިނުމުގެ އާ އަމާޒުތަކެއް ކަނޑައަޅަން އެންމެ ރަނގަޅު ވަގުތު ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

އިޒްރޭލާއި އިންޑިއާއާ ދެމެދު އޮންނަނީ އާދަޔާ ހިލާފު ގުޅުމެއް ކަމަށް، އިޒްރޭލުން އިންޑިއާއަށް ކަނޑައަޅާފައި ހުންނަ މަންދޫރު ނައޯރް ޖީލޯން ވަނީ ފާހަގަ ކޮށްފައެވެ. މި މޭރުމުން އޭނާ ވަނީ، އިޒްރޭލުގެ ގޮތުގައި މިހާރު ޗާޓު ކުރަހައިގެން ބޭނުން ކުރަމުން އަންނަ ބިން "މިނިވަން ކުރުމަށް" އިންޑިއާ-އިނގިރޭސި އަސްކަރިއްޔާއިން ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ބައިވެރިވެ ހަނގުރާމަ ކުރި އިންޑިއާގެ ލަޝްކަރު ފާހަގަ ކޮށްފައެވެ.

ޔަހޫދީ އިޒްރޭލާއި، ހިންދޫންގެ މެޖޯރިޓީ އޮންނަ އިންޑިއާއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ގާއިމު ކުރީ ޖެނުއަރީ 29، 1990 ގައެވެ. މި ގުޅުމަށް 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ހާއްސަ ލޯގޯއެއްވެސް ވަނީ ތައާރަފު ކޮށްފައެވެ.

އިޒްރޭލާއި އިންޑިއާގެ ގުޅުން ފަހްރެއް ކަމުގައި ހަދާ، އިންޑިއާއިން އެކަން ޕްރޮމޯޓް ކުރަމުން ދާ އިރު، އިންޑިއާގެ އާބާދީގެ ނިސްބަތުން ބައި މަދު، މުސްލިމުން ގަތުލު ކުރުމަށް، އިންޑިއާގެ ހިންދޫންގެ ބަޔަކު ދަނީ ގޮވާލަމުން ކަންވެސް ފާހަގަ ކުރަން ޖެހެއެވެ.