ކޮވިޑް 19 ގެ އާ ވޭރިއަންޓް، އޮމިކްރޯން ރާއްޖެއިން ފެނުނު ރަށްތަކުގެ އަދަދު 11 އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) ގެ އެޕިޑަމިލޮޖިސްޓު ޑރ. އިބްރާހީމް އަފްސަލް ވިދާޅުވެއްޖެއެވެ.

ޑރ. އަފްޒަލް ވިދާޅުވީ އޮމިކްރޯން އަށް ޓެސްޓު ކުރަން 11 ޖަނަވަރީގައި ފޮނުވި ބެޗްގެ 100 ސާމްޕަލްގެ ތެރެއިން 51 ސާމްޕަލް އޮމިކްރޯން އަށް ޕޮޒިޓިވް ވި ކަމަށާއި މިހާތަނަށް މުޅި ރާއްޖެއިން 74 މީހަކު ޕޮޒިޓިވް ވެއްޖެ ކަމަށެވެ.

ޑރ. އަފްޒަލް އިތުރަށް ވިދާޅުވީ މި ދުވަސްވަރު ޕޮޒިޓްވާ މީހުން އިތުރުވުމާއި އޮމިކްރޯން އަށް ޕޮޒިޓިވްވާ މީހުން އިތުރު ވުމަކީ އެ ވޭރިއަންޓްގެ ހަލުވި ކަމާއިއެކު ފެތުރެމުންދާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށެވެ.

އޮމިކްރޮން ކޭސްތައް ފެނުނު ރަށްތަކުގެ ތެރޭގައި މާލެ އާއި ކ. މާފުއްޓާއި ދ. ކުޑަހުވަދޫ އާއި އައްޑޫ ސިޓީ އާއި ލ. ގަމާއި ލ. މުންޑޫ އާއި ލ. އިސްދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ފ. މަގޫދޫ، ކ. ތުލުސްދޫ ހިމެނެއެވެ.

އިއްޔެ 7574 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން 2349 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1325 މީހަކާއި، އަތޮޅުތެރެއިން 681 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވް ވި 54 މީހެކެވެ.

މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 687 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 270 އަށް އަރާފައެވެ.