ކޮވިޑް-19ގެ އިން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތުގައި އިންޑިއާގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވީ ރައީސް ސޯލިހް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަން ހާމަކުރައްވާ ދިވެހި ބަހުން ކުރެއްވި ޓްވީޓަކާ ގުޅިގެން ރައީސް އަށް އަވަސް ޝިފާ އަކަށް އެދިވަޑައިގެން މޯދީ ކުރެއްވި ޓްވީޓެއްގައެވެ.
މޯދީ ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވެފައިވާ ގޮންޖެހުންތަކުން ކާމިޔާބު ކަމާއެކު އަރައިގަތުމުގައި، އިންޑިއާގެ ހެޔޮއެދުންތައް ވަނީ ރާއްޖޭގެ ރައްޔިތުންނާ އެކުގައި ކަމަށެވެ. ހަމައެހެންމެ މި މަސައްކަތުގައި ކުރިއަށް އޮތް ތަނުގައި ވެސް އިންޑިއާގެ އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީން ކަން މޯދީ ދެއްވެވިއެވެ.
ރައީސް ސޯލިހް އިއްޔެ ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް ކަން އެނގިވަޑައިގަތީ އަތޮޅުތެރެއަށް ދަތުރުކުރެއްވުމަށް ޕީސީއާރް ހެއްދެވުމުން ކަމަށެވެ. ކޮވިޑަށް ޕޮޒިޓިވް ވި ނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށާއި މިވަގުތު ހުންނެވީ ގެކޮޅުގައި އެކަހެރިވެވަޑައިގެން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހަށް ކޮވިޑް ޖެހިފާ ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދުގެ ކެމްޕެއިންނަށް އިއްޔެ ފޯކައިދޫއަށް ވަޑައިގަންނަވަން ނިންމަވާފައި ވަނިކޮށެވެ.