ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ދެ މީހަކަށް މައާފް ދީފައިވަނީ މިދިޔަ ސަރުކާރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ބުނެފިއެވެ.
އިއްޔެ ޖެންޑާ މިނިސްޓްރީން ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި މީހުންގެ ވަނަވަރު އާންމު ކޮށްފައެވެ. އެ ވަނަވަރުތަކުން 2 މީހަކަށް މައާފު ދީ ދޫކޮށްލާފައި ވާކަން އެގެން އެބައޮތެވެ. ކްލެމެންސީ ބޯޑުގެ ނިންމުމާ އެއްގޮތަށް މައާފް ދީފައިވަނީ ހދ. މާވައިދޫ، ބޮލިޖެހިގެ، އަފްރަހް ހުސައިން (31އ)، އާއި ނ. މަގުދޫ، ޖަހާމުގުރިގެ، މުހައްމަދު ޖަމީލު، (28އ) އަށެވެ.
ޕީޖީން ބުނީ، އެ ދެ މީހުންގެ އަދަބު ލުއިކޮށްދީފައި ވަނީ ނިމިދިޔަ ސަރުކާރުގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށެވެ. އެގޮތުން އަފްރާހު ހުސައިންގެ އަދަބު 1 މަހަށް ކުރުކޮށް، އަދަބު ލުއި ކުރަން ކްލެމެންސީ ބޯޑުން، އޭރުގެ ރައީސަށް ލަފާ ދިނީ މާޗް 22، 2016 ގައި ކަމަށް ޕީޖީން ބުނެއެވެ. އެ ނިންމުމަށް އަމަލު ކުރަން އޭރުގެ ރައީސް ނިންމެވީ ސެޕްޓެމްބަރު 8، 2016 ގައެވެ.
އަދި މުހައްމަދު ޖަމީލުގެ އަދަބު 7 ދުވަހަށް ކުރުކޮށް، އަދަބު ލުއި ކުރަން އޭރުގެ ރައީސަށް ކްލެމެންސީ ބޯޑުން ލަފާ ދިނީ ފެބްރުއަރީ 29، 2016 ގައި ކަމަށް ޕީޖީން ބުނެއެވެ. އެ ނިންމުމަށް އަމަލު ކުރަން އޭރުގެ ރައީސް ނިންމެވީ ސެޕްޓެމްބަރު 8، 2016 ގައެވެ.
ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ އަފްރާހްގެ މައްޗަށް ސާބިތުވާކަމަށް ހުކުމްކޮށްފައި ވަނީ މާޗް 24، 2013 ގައެވެ. އެގޮތުން އޭނާއަށް 14 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. މުހައްމަދު ޖަމީލްގެ މައްޗަށް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތުވާކަމަށް ހުކުމްކޮށްފައި ވަނީ ޑިސެމްބަރު 12، 2012 ގައެވެ. އެގޮތުން އޭނާއަށް 10 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
މި ދެމީހުންނަކީ ވެސް ކުޑަކުއްޖަކާ އެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ ސާބިތު ވި ދެމީހުންނެވެ. އެ ދެމީހުންނަށް މައާފު ދީފައި ވުމުން ޖެންޑާއިން އާންމު ކުރި ލިސްޓުން އެ ދެމީހުންގެ ފޮޓޯ ފެންނާކަށް ނެތެވެ.
ޕީޖީން މިއަދު މިކަމާ ވާހަކަ ދެއްކީ، އިދިކޮޅު ނޫސް ދިޔަރެސްގައި އެ ދެމީހުން ދޫކޮށްލި ވާހަކަ ޖަހާފައި އޮތުމުން އެކަން އޮޅުންފިލުވައި ދިނުމުގެ ބޭނުމުގައެވެ.