އިއްޔެ ރާއްޖެއިން ކޮވިޑް ބައްޔަށް 1697 މީހަކު ޕޮޒިޓިވް ވެ، މި ވަގުތު ކޮވިޑް ބަލި ޖެހިފައި ތިބި ޖުމްލަ މީހުންގެ އަދަދު 11،535 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7263 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން 1697 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 677 މީހަކާއި، އަތޮޅުތެރެއިން 680 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވް ވި 60 މީހެކެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 112،628 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 49 މީހަކަށް އަންނަނީ ކޮވިޑްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 269 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މިއަދު ބވަނީ ކޮވިޑްގައި 4 މީހަކު މަރުވެފައެވެ. އެއާއެކު މި އަހަރު ފެށިގެން މިއަދާ ހަމައަށް 20 ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ 6 މީހެކެވެ.

ރާއްޖެއިން އޮމިކްރޯން ފެނިފައިވާ ކަމަށާއި މާލެ އާއެކު ދ. ކުޑަހުވަދޫ އާއި ކ. މާފުށިން އޮމިކްރޯން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ. މިހާތަނަށް އޮމިކްރޯން ފެނުނު ސަރަހއްދުތައް އާންމު ކުރި ފަހުން ކޭސްތަކުގެ އަދަދުތައް ހަލުވި ސްޕީޑެއްގައި މައްޗަށް ދާތަން އަންނަނީ ފެންނަމުންނެވެ، ނަމަވެސް މިހާރު ފެނިފަިއވާ ކޮވިޑް ކޭސްތަކުގެ ތެރެއިން އޮމިކްރީން ޖެހުނީ ކިހާ އަދަދެއްގެ މީހުންނަށް ކަން އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.