އަރަބިއްޔާ ސްކޫލް، ބާ ޖަމާލުއްދީނަށް ބަދަލު ކުރުމަށް ނިންމާފައި ވަނިކޮށް ސިޓީ ކައުންސިލުގެ ބައެއް ކައުންސިލުން އެސަރަހައްދުގައި ޕާކެއް ހެދުމަށް ހުށައަޅާފައިވާ ކަމަށް މާލެ ސިޓީގެ މޭޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، އަރަބިއްޔާ ސްކޫލްގެ ހާލަތު ދަށްވެ ބެލެނިވެރިންނާއި ދަރިވަރުން އަދި ޓީޗަރުންގެ ކަންބޮޑު ވުމާ އެކު މުޒާހަރާ ކުރަމުން ދަނިކޮށް މާލެ ސިޓީ ކައުންސިލާއި މަޝްވަރާ ކުރުމެއް ނެތި މާލޭގައި އެންމެ ބޮޑަށް ތޮއްޖެހިފައިވާ ސަރަހައްދުގައި ހުރި ބާ ޖަމާލުއްދީން ސްކޫލް ދާއިމީކޮށް އަރަބިއްޔާ އަށް ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާއި ގުޅިގެން ހިޔާލު ތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

މުއިއްޒު ވިދާޅުވީ ބާ ޖަމާލުއްދީން ސަރަޙައްދަކީ މީގެ ގާތްގަނޑަކަށް 15 އަހަރު ކުރިން ފެށިގެން ހުސް ބިމެއްގެ ގޮތުގައި ބޭއްވުމަށް އެ ސަރަހައްދުގެ ރައްޔިތުން ބޭނުންވާ ސަރަޙައްދެއް ކަމަށެވެ.

މިއާ އެކު މާލެ ސިޓީ ކައުންސިލްގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގެ ގޮތުން މިދައުރުގެ ކައުންސިލަރުންނާއި އެކު ކުރިއަށް ގެންދިޔަ ރައްޔިތުން ބައްދަލުވުމުގައިވެސް އެ ސަރަހައްދުގެ ރައްޔިތުން ހުށަހަޅާފައި ވަނީ ބާ ޖަމާލުއްދީން ހުރި ބިން ހުސްކޮށް ބާއްވައި ދިނުމަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

އެ މައްސަލަ އަކީ ކައުންސިލުން އެއާ މެދު ބަހެއް ބުނާނެ މައްސަލަ އެއްނޫން. އެހެން ނަމަވެސް ރައްޔިތުންގެ ހިޔާލު ހޯދުން އޮވޭ. ކައުންސިލާއި މަޝްވަރާ ކުރުމަކީ ލާމަރުކަޒީ ގާނޫނުގެ އެންމެ ރީތި ސިފަ، އެހެން ނަމަވެސް،ސަރުކާރުން ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރޭ، އެތަނާ ބެހޭގޮތުން ގޮތެއް ނިންމުމުގައި
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މުއިއްޒު ވިދާޅުވީ މިކަމުގައި މާލެ ސިޓީ ކައުންސިލްގެ ކަންބޮޑުވުމަކީ މައްޗަންގޮޅީގެ އެ ސަރަޙައްދަށް ނިސްބަތްވާ ރައްޔިތުން މިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކުރަމުން ދާ ދިއުން ކަމަށެވެ.

މައްޗަންގޮޅި ރައްޔިތު ބައްދަލުވުމުގައިވެސް އެ ސަރަޙައްދު ރައްޔިތުން އެދުނީ އެތަން އޯޕަން އޭރިޔާ އެއްގޮތުގައި، ނުވަތަ ކުޑަކުދިންނާއި ބޮޑެތި މީހުންވެސް މަޑުކޮށްލާނެ ހިތްފަސޭހަ މައިދާނެއް ހެދުމަށް
މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

ބާ ޖަމާލުއްދީން ސަރަހައްދަކީ މާލޭގެ އެންމެ ތޮއްޖެހިފައިވާ ސަރަޙައްދުކަން ފާހަގަ ކުރައްވަމުން މުއިއްޒު ވިދާޅުވީ ރައްޔިތުން މިގޮތަށް ހުށަހަޅާފައި ވަނިކޮށް ސަރުކާރުން މިތަނުގައި ސްކޫލެއް އިމާރާތްކުރަން ނިންމާފައި މިވަނީ ރައްޔިތުންގެ ހިޔާލާ ދެކޮޅަށް ކަމަށެވެ. މިކަމުގައި ކައުންސިލްގެ އެއްވެސް ދެކޮޅުވެރި ވުމެއް ނެތް ކަމަށާއި، ސިޓީ ކައުންސިލުން ބޭނުންވަނީ މައްޗަންގޮޅި ރައްޔިތުންގެ ހިޔާލު މިކަމުގައި ދިމާވޭތޯ ބެލުން ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަރަބިއްޔާ ސްކޫލް ބާ ޖަމާލުއްދީނަށް ބަދަލު ކުރުމަށް ރައީސް ސޯލިހު ނިންމަވާފައި ވަނިކޮށް މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 35 ވަނަ ޖަލްސާގައި ބައެއް ކައުންސިލަރުން ވަނީ އެ ސަރަހައްދުގެ ރައްޔިތުން އެދޭގޮތަށް ޕާކެއް ހެދުމަށް ހުށައަޅާފައި ކަމަށެވެ. އަދި އެކަމުގައި މައްޗަންގޮޅި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.