ކުޑަކުއްޖެއްގެ ހިތާއި ފުއްޕާމެއާ ގުޅޭ ލޭ ހޮޅި ހިމަކަމުން ލޭ ދައުރުވުމުގެ މައްސަލަތައް ދިމާވި ކުޑަކުއްޖެއްގެ ހަށިގަނޑަށް ކެތީޓަރެއް ލައްވައި، އެފަދަ ޕްރޮސީޖަރެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮށްފިއެވެ.

މިއީ، އޯޕަން ހާޓް ސާޖަރީގެ ބަދަލުގައި ހަދާ "ބެލޫން ޕަލްމޮނަރީ ވެލްވެލޯޕްލާސްޓީ" ނަމަކަށް ކިޔާ އިންޓަވެންޝަނެއް ރާއްޖޭގައި ކާމިޔާބު ކަމާއެކު ހެދި ފުރަތަމަ ފަހަރެވެ. އަދި މި ޕްރޮސީޖާ ހަދާފައިވަނީ އައިޖީއެމްއެޗުންނެވެ.

ރާއްޖޭން ފުރަތަމަ ފަހަރަށް މި ޕްރޮސީޖާ ހެދި ޑޮކްޓަރުންގެ ޓީމުގައި އިސްކޮށް ހުންނެވީ، ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު ޑރ. މުހައްމަދު ޝަނީޒް ނަޖްމީއާއި، ހޭނައްތާ ޑޮކްޓަރު، ޑރ. އަސަދު މުހައްމަދު ޝަހީދެވެ.

މިދިޔަ އަންގާރަ ދުވަހު މި ޕްރޮސީޖާ ހަދާފައިވާއިރު، އައިޖީއެމްއެޗުން ބުނީ، ބެލޫން ޕަލްމޮނަރީ ވެލްވެލޯޕްލާސްޓީން އޯޕަން ހާޓް ސާޖަރީގެ ބަދަލުގައި ސްޓްރަކްޗަރަލް އިންޓަވެންޝަން ފެށޭނެ ކަމަށެވެ. މި ޕްރޮސީޖާގައި ޖެހޭނީ ބެދިފައިވާ ލޭ ހޮޅިއެއްގެ ތެރެއަށް ފުއްޕާހަމެއް ކަހަލަ އެއްޗެއް ލައްވައިގެން ހަން ފުއްޕާލާށެވެ.

އަދި މި ޕްރޮސީޖާ ހަދާފައިވާ ކުއްޖާގެ ހާލު ރަނގަޅު ކަމަށާއި، އޭނާ ވަނީ އެ ދުވަހު ދޫކޮށްލާފައި ކަމަށްވެސް އައިޖީއެމްއެޗުން ބުންޏެވެ.

ހަމަ އެއާއެކު ކުރިއަށް އޮތް ތަނުގައި އާ ހިދުމަތްތަކެއް ތައާރަފްކުރުމަށް ތައްޔާރުވަމުން އަންނަ ކަމުގައިވެސް، އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.