10،000 މެންބަރުން ހިމެނޭ ހަތަރު ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ދިނުމަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުން، މެންބަރުން ތިބި ނިސްބަތަށް ބެލުމަށްފަހު، ދައުލަތުގެ ބަޖެޓުގެ އެއް ޕަސެންޓު ފައިސާ 10،000 މެންބަރުން ހަމަވާ ޕާޓީތަކަށް ބަހަން ޖެހެއެވެ. މިއަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 36.9 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމުން، އެ ސިޔާސީ ޕާޓީތަކަށް 369 މިލިއަން ރުފިޔާ ދޭން ޖެހެއެވެ.

މިއަހަރަށް ލަފާކޮށް ދައުލަތުން ބަޖެޓް ފާސްކުރުމާ ހަމައަށް 10،000 މެންބަރުން ހަމަވެފައިވަނީ އެންމެ ހަތަރު ޕާޓީއެއްގައެވެ. އެ ޕާޓީތަާއި މެންބަރުން ތިބި އަދަދު:

  • އެމްޑީޕީ ގައި 50،055 މެމްބަރުން
  • ޕީޕީއެމް ގައި 35،350 މެންބަރުން
  • ޖުމްހޫރީ ޕާޓީ ގައި 12،747 މެންބަރުން
  • އަދާލަތު ޕާޓީ ގައި 11،306 މެންބަރުން

ފާހަގަކޮށްލެވޭ ގޮތުގައި މިއީ އަދާލަތު ޕާޓީއަށް ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ފުރަތަމަ ފަހަރެވެ.

  • އެމްއެންޕީ ގައި 8،570 މެންބަރުން
  • އެމްޑީއޭ ގައި 7،106 މެންބަރުން
  • ޕީއެންސީ ގައި 3،589 މެންބަރުން
  • އެމްއެލްއެސްޑީޕީ ގައި 2،831 މެންބަރުން
  • އެމްޓީޑީ ގައި 2،549 މެންބަރުން
  • އެމްއާރުއެމް ގައި 2،380 މެންބަރުން
  • ޑީއާރުޕީ ގައި 2،380 މެންބަރުން

ރާއްޖޭގައި ޖުމްލަ 16 ސިޔާސީ ޕާޓީއެއް އޮންނައިރު، 10،000 މެންބަރުން ހަމަވެފައި ވަނީ އެންމެ ހަތަރު ޕާޓީއެއްގައެވެ. އަދި ސިޔާސީ ހަރަކާތްތައް ބާއްވަމުން ގެންދަނީ މަދު ޕާޓީތަކަކުންނެވެ.