މިއަދުން ފެށިގެން އެފްއޭއެމް ބިލްޑިންގައި ސާމްޕަލް ނަގަން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

މާލެ ސަރަހައްދުގައި ހަލުވި ކަމާ އެކު ކޮވިޑް ފެތުރެމުން ދާތީ މާލެއިން ބޭރަށް ފުރާ ކޮންމެ މީހަކު ވެސް ޕީސީއާރް ޓެސްޓު ހަދަން އެޗްޕީއޭއިން މަޖުބޫރު ކޮށްފައިވާ ދަނޑިވަޅެއްގައި ސޯޝަލް ސެންޓަރުން ޕީސީއާރް ޓެސްޓް ކުރެވޭ ވަގުތު 2 ގަޑިއިރަށް ކުޑަކޮށްފާ ވާތީ ގިނަ ބަޔަކަށް ދަތިވެ ސޯޝަލް މީޑިއާގައި އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.

އެޗްޕީއޭއިން ބުނީ މިއަދު 2 ގެ ފަހުން އެފްއޭއެމް ބިލްޑިން ސާމްޕަލް ނެގޭ ގޮތަށް ހުޅުވާނެ ކަމަށާއި އެ ހިދުމަތް ކޮންމެ ދުވަހަކު މެންދުރުފަހު 2 ކުން އިރުއޮއްސި 6 ކަށް ލިބޭނެ ކަމަށެވެ. މީގެ އިތުރު ސޯޝަލް ސެންޓަރު ސާމްޕަލް ނަގަމުން އަންނަ ތަނުގެ ބަދަލުގައި ދެން ސާމްޕަލް ނަގާނީ ތާޖުއްދީން ސްކޫލުގައި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ތާޖުއްދީން ސްކޫލުގައި ސާމްޕަލް ނަގާ ދުވަސްތަކާއި ވަގުތުތައް:

  • ހޮނިހިރުން ފެށިގެން ބުދައަށް: ހެނދުނު 9 - މެންދުރުފަހު 1 އަދި މެންދުރުފަހު 3 - އިރުއޮއްސި 6
  • ބުރާސްފަތި: ހެނދުނު 9 - މެންދުރުފަހު 1
  • ހުކުރު: މެންދުރުފަހު 3 - އިރުއޮއްސި 6

ކޭސްތައް އިތުރުވަމުން އަންނާތީ އެޗްޕީއޭޭއިން އިއްޔެ ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ޕީސީއާރް ޓެސްޓް ހެދުމަށް މަޖުބޫރު ކޮށްފަިއވާ އިރު، މިހާރު މާލެ ސަރަހއްދުގައި އިވެންޓްތަކާއި ހަފްލާ ފަދަ ކަންކަން 50 މީހުންނަށް ވުރެ މީހުން ހިމަނައިގެން ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.