މިރެއާއި މާދަމާ ސޯޝަލް ސެންޓަރުން ކޮވިޑް-19އަށް ސާމްޕަލް ނަގާ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ މިރެއާއި މާދަމާ ސޯޝަލް ސެންޓަރުގައި ހުންނަ ސާމްޕަލް ސެންޓަރު ހުޅުވުމަށް ހަމަޖެހިފައި ވަނީ ރޭގަނޑު 7:30 އިން 9:30 އަށް ކަމަށެވެ.
ސޯޝަލް ސެންޓަރުން ގިނަ އަދަދެއްގެ މީހުން ސާމްޕަލް ނަގަމުން އަންނައިރު މިރެއާއި މާދަމާގެ ވަގުތުތަކަށް ބަދަލުގެނެސްފައި ވަނީ މާލެ ސަރަހައްދުގައި ހަލުވި ކަމާ އެކު ކޮވިޑް ފެތުރެމުން ދާތީ މާލެއިން ބޭރަށް ފުރާ ކޮންމެ މީހަކު ވެސް ޕީސީއާރް ޓެސްޓު ހަދަން އެޗްޕީއޭއިން މަޖުބޫރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މާލެ ސަރަހައްދުގައި ކޮވިޑަށް ޓެސްޓް ކުރުމަށްޓަކައި ސާމްޕަލްތައް ނަގަނީ ސެނަހިޔާ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ފުލޫ ކްލިނިކް އަދި ވިލިމާލޭ ފުލޫ ކްލިނިކުންނެވެ.
އިއްޔެ 5361 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 337 މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 101 މީހަކާއި، އަތޮޅުތެރެއިން 129 މީހަކާއި ރިސޯޓްތަކުން 99 މީހެއްގެ އިތުރުން ލިވަބޯޑުން ދެ މީހެކެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 97668 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 15 މީހުންނަށެވެ.
ކޭސްތައް އިތުރުވަމުން އަންނާތީ އެޗްޕީއޭޭއިން މިއަދު ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ޕީސީއާރް ޓެސްޓް ހެދުމަށް މަޖުބޫރު ކޮށްފަިއވާ އިރު، މިހާރު މާލެ ސަރަހއްދުގައި އިވެންޓްތަކާއި ހަފްލާ ފަދަ ކަންކަން 50 މީހުންނަށް ވުރެ މީހުން ހިމަނައިގެން ކުރިއަށް ނުގެންދިއުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.