މާލޭގެ ރަސްފަންނު ސަރަހައްދުގައި ބާއްވަމުންދާ ނައިޓް މާކެޓް ގައިޑްލައިނާ ހިލާފު ކަމަށް ބުނެ ހުއްޓާލަން އެޗްޕީއޭއިން އަނެއްކާވެސް އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑްގެ ހާލަތު މާލެ ސަރަހައްދުގައި ގޯސްވަމުން ދާތީ މާލެ ސަރަހައްދުގައި ނައިޓް މާކެޓާ ގިނަ މީހުން އެއްވާ އިވެންޓްތަކާއި ހަފްލާތައް ނުބޭއްވުމަށް ޖެނުއަރީ 5، 2022 ގައި މާލެ ސިޓީ ކައުންސިލްއަށް އަންގާފައިވާނެ ކަމަށެވެ.

އެހެންނަމަވެސް 6 ޖެނުއަރީ އިން ފެށިގެން ނައިޓް މާކެޓް ހިންގުމަށް ހަވާލުކޮށްފައިވާ ފަރާތުން އެކަމަށް ތައްޔާރުވުމަށް އަނބުރާ ނުލިބޭނެ ވަރަށް ގިނަ ހަރަދުތަކެއް ކޮށްފައިވާތީ ފިހާރަތައް ހިންގަން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ވިޔަފާރި ކުރުމަށް ކަނޑައަޅާ ތަންތަން ދުރު ދުރުގައި ހުންނަގޮތަށް އަދި މީހުން ތޮއް ނުޖެހޭނެހެން ކުރިއަށް ގެންދިއުމަށް ޖެނުއަރީ 6، 2022 ގައި ހުއްދަ ދީފައިވާނެ ކަމަށް ވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ މިއަދު އެ އޭޖެންސީއިން ކުރި އިންސްޕެކްޝަންގައި ރަސްފަންނުގައި ކުރިއަށްގެންދާ ނައިޓް މާކެޓަކީ މީހުން ތޮއްޖެހި ގައިދުރުކުރުމާއި މާސްކް އެޅުމަށް ސަމާލުކަންދީގެން ކުރަމުންދާ ކަމަކަށް ނުވާތީ އެކަން ކުރިއަށް ނުގެންދިއުމަށް ސިޓީ ކައުންސިލަށް އަންގާފައިވާނެ ކަމަށެވެ.

މިއެންމެ ފަހުން ނިމުނު ނައިޓް މާކެޓަަށް ގިނަ އަދަދެއްގެ ބަޔަކު ގޮސް ތޮއްޖެހުނު އިރު މި މަސް ފެށުނު ފަހުން މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އަންނަނީ އިތުރު ވަމުންނެވެ. މި ވަގުތު ކޭސްތައް އިތުރުވަމުން އައި މިންވަރަށް ބަލާއިރު، މި މަހުގެ ތެރޭގައި 1300 އަށް ވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ.

އެގޮތުން އިއްޔެ 300 އިން މައްޗަށް ކޮވިޑް ކޭސްތައް ރިޕޯޓް ކޮށްފައި ވާއިރު، މާލެ ސަރަހައްދުން ވަނީ 136 ކޭސް ރިޕޯޓް ކޮށްފައެވެ.

ކޮވިޑް ކޭސްތައް އިތުރުވަމުން އަންނާތީ މިހާރު މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ އާންމުން ނުކުމެ އުޅޭ ތަންތަނަށް ނުކުންނަ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.