މިއަދު ވެސް ރާއްޖެއިން ރިޕޯޓް ކުރި ކޮވިޑް ޕޮޒިޓިވް ކޭސްގެ އަދަދު 200 އިން މައްޗަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 4801 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 228 މީހުން ކަމަށެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 66 މީހަކާއި، އަތޮޅުތެރެއިން 60 މީހަކާއި ރިސޯޓްތަކުން 97 މީހެއްގެ އިތުރުން ލިވަބޯޑުން 5 މީހަކު މިއަދު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދކީ 2702 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 96522 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 12 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 668 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 263 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް ހަތަރު ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ އެންމެ މީހެކެވެ.
މިއަދު ރިޕޯޓް ކުރި ކޭސްތަކަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯތްކޮށްފަިއ ވަނީ އޮޕްރޭތް ކުރަމުންދާ ރިސޯޓްތަކުންނެވެ. ނަމަވެސް އިއްޔެ އެންމެ ގިނަ ކޭސް ފެނިފައި ވަނީ މޭލެ ސަރަހައްދުންނެވެ. އެގޮތުން އިއްޔެ މާލެއިން 97 މީހުން ޕޮޒިޓިވްވެފައި ވާއިރު އިއްޔެ ޖުމްލަ 242 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ރާއްޖޭގައި ކުރިއަށް އޮތް ތިން ހަފުތާ އަކީ ކޮވިޑް-19 ގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށް މިއަދު ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނަ އިރު، މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ސްކޫލް ބަންދުވުމުން އައިސް އުޅޭ ކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު އާ އަހަރާ ދިމާކޮށް ބޭއްވި މިއުޒިކް ޝޯ ބެލުމަށާއި އަދި މަގުމަތީ ބާޒާރު ފެށުމުން އެތަނަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވުމާއި ހިތާނީ ސީޒަން ފެށި ކައިވެނި ޕާޓީތަކާއި އެކި ހަފްލާތައް ބާއްވާ ގިނަ މީހުން އެއްތަނަކަށް އެއްވަމުން ދިއުމަކީ މިވަގުތު ކޭސްތައް އިތުރުވެގެން ހިނގައިދާނެ ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ.