މި ހިނގާ ޖެނުއަރީ މަހުގެ 4 ވަނަ ދުވަސް (މާދަމާ) އިން ފެށިގެން ބްލެކްބެރީގެ ކްލެސިކް ފޯނުތައް ބޭނުން ނުކުރެވޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

މިކަން ހާމަކޮށް އެކުންފުނިން ބުނީ އެ ބްރޭންޑުގެ 10، 7.1 އޯއެސްގެ އިތުރުން އޭގެ ކުރީގެ ކްލރސިކް ފޯނުތައް ބޭނުން ނުކުރެވޭނެ ކަމަށެވެ. މިއާއެކު ސޮފްޓްވެއާ އަޕްޑޭޓް ނުކުރާ ހުރިހާ ފޯނުތަކުން ގިނަ ހިދުމަތްތަކެއް ކެނޑިގެންދާނެއެވެ. އެގޮތުން މޯބައިލް ޑޭޓާ ބޭނުން ކުރުމާ، މެސެޖު ކުރުމާ އިމާޖެންސީ ނަންބަރުތަކަށް ޑައެލްއެއް ނުކުރެވޭނެއެވެ.

މީގެ އިތުރުން އެކުންފުނިން ބުނެފައި ވަނީ މިހާރު އަމާޒަކީ އެކިއެކި ބޭނުންތަކަށް ސެކިއުރިޓީ ސްފްޓްވެއާ ފޯރުކޮށްދިނުމާ، ޖުމްލަ ގޮތެއްގައި ސެކިއުރިޓާ ގުޅޭ ހިދުތަމްތައް ފޯރު ކޮށްދިނުން ކަމަށެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށާ، އެކަމަށް އެދޭ ގައުމުތަކުގެ ސަރުކާރަށް ވެސް އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނީ ކުންފުނީގެ އެންމެހާ ކަސްޓަމަރުންނާއި ވިޔަފާރީގެ ހުރިހާ ހިއްސާދާރުންނަށް ހާއްސަ ޝުކުރެއް އަދާ ކުރާކަމަށެވެ. ބްލެކްބެރީ ބްރޭންޑުގެ ފޯނަށް ދިވެހިންގެ މެދުގައި ވެސް ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ. ނަމަވެސް ބްލެކްބެރީ ފަހަތަށް ޖައްސާލުމަށް ފަހު އެންޑްރޮއިޑްގެ އެހެން ބްރޭންޑްތައް އާ ފީޗާތަކާއެކު ދިވެހިންގެ މެދުގައި މަގުބޫލުވެގެން ގޮސްފައި ވާއިރު ދިވެހިންގެ މެދުގައި އައިފޯނަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

ދިމާވި ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން ބްލެކްބެރީގެ ފޯނުތަކަށް މާބޮޑު ތަރުހީބެއް ލިބިފައިނުވާއިރު މީގެ ކުރިންވެސް ބްލެކްބެރީގެ ފޯނުތައް ބޭނުން ނުކުރެވޭ ގޮތް ހެދުމަށް ނިންމާފައިވާ ކަމުގެ ހަބަރުތައް ފެތުރިގެން ގޮސްފައިވެއެވެ. ނަމަވެސް އޭރު އެ ކުންފުނިން އެކަން ޔަގީންކޮށްދީފައި ނުވާއިރު މިފަހަރު އެ ކުންފުނިން ވަނީ ރަސްމީ ސިފައެއްގައި ބަޔާނެއް ނެރެ މިކަން ހާމަ ކޮށްފައެވެ.