ތ. ވިލުފުށީގައި ކޮވިޑް-19 ޖެހުނު 86 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ފަތިހު އުމުރުން 86 އަހަރުގެ ދިވެހި އަންހެނަކު ފަރުވާ ހޯދުމަށް ވިލުފުށީ ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށާއި އަދި އޭނާ ވަނީ 5:30 ގައި މަރުވެފައި ކަމަށެެވެ. މިއީ ރާއްޖޭގެ 262 ވަނަ ކޮވިޑް މަރެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 199 މީހަކު މަރުވެފައެވެ.

މިދިޔަ އަހަރުގެ މާޗް 7 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން މި ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވާ އިރު މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 661 ދުވަސް ވެފައެވެ.

މި ވޭތުވެ ދިޔަ 20 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ. މެއި މަހު ވަނީ ޖުމްލަ 88 މީހުން މި ބަލީގައި މަރުވެފައެވެ.