ސްކޫލްތަކުގެ ޗުއްޓީ ދުވަސްވަރު ފެށިފައި ވާއިރު، ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުން ފަސްކުރުމަށް އެޗްޕީއޭއިން އެދިއްޖެއެވެ.
އެޗްޕީއޭ އިން މިއަދު އާއްމުކޮށްފައި ވާ ނޫސް ބަޔާނެއްގައި ވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި ސަމާލުކަން ދޭންވީ ކަންކަން ފާހަގަަ ކޮށްފައެވެ.
ދަތުރުކުރުމުގެ ކުރިން، ދާ ގައުމުގެ ކޮވިޑް ހާލަތާއި ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބެލުމަށް އަންގަފައި ވާއިރު ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ ގައުމުތަކަށް ދަތުރުކުރުން ފަސްކުރުމަށް ނަސޭހަތްތެރި ވިއެވެ.
ކޮވިޑް-19ގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެ ބައްޔަށް ޓެސްޓުކޮށް ނަތީޖާ ނުލިބެނީސް ދަތުރު ނުކުރުމަށާއި ނަތީޖާ ލިބެންދެން ގޭގައި އެކަހެރިވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި ދަތުރުކުރުމުގެ ކުރިން، ވެކްސިން ޖަހާ އުމުރުގެ ފަރާތްތަކުން ވެކްސިން ފުރިހަމަ ކުރުމަށް ހަނދާން ކޮށްދީފައި ވާއިރު، ބޫސްޓާ ޑޯޒް ޖެހުމަށް ޝަރުތު ހަމަވާނަމަ ދަތުރުކުރުމުގެ ކުރިން ބޫސްޓާ ޑޯޒް ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.
އެޗްޕީއޭއިން ވަނީ ގިނަ މީހުން އެއްވާ ތަންތަނަށް ދިއުން މަދު ކުރުމާއި ސިއްހީ ފަރުވާދޭ މަރުކަޒަކަށް ދާނަމަ ނުވަތަ ގިނަ މީހުން އުޅޭ ތަންތަނުގައާއި ބަންދު ތަންތަނުގައި ރަނގަޅަށް މާސްކް އަޅައިގެން އުޅުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވެއެވެ. އަދި ދަތުރުކުރާ ގައުމުގައި މާސްކު އެޅުންފަދަ ކަންކަން ލުއިކޮށްފައި ވީނަމަވެސް ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ބޭރަށް ނުކުންނައިރު އަދި އެހެން މީހުންނާ ބައްދަލުވާއިރު މާސްކް އަޅައިގެން އުޅުމަށްވެސް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރި ވެފައި ވެއެވެ.
އެޗްޕީއޭއިން އިތުރަށް ފާހަގަ ކޮށްފައިވަނީ ގައިދުރުކަން ބެހެއްޓުމާއި އަތް ސާފުކުރުމާއި ދަތުރުމަތީގައި އުޅޭއިރުވެސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ އަވަހަށް ޓެސްޓް ކޮށް އެކަހެރިވެ އުޅުމަށް އެދިފައެވެ. އަދި ރާއްޖެ އަނބުރާ އައުމަށް ފަހު ވެކްސިން ފުރިހަމަނުވާ ފަރާތްތަކުން ކަނޑައެޅިފައިވާ ގޮތުގެ މަތިން ކަރަންޓީނު ވުމަށް އަންގާފައިވާއިރު، ވެކްސިން ޖަހާފައިވާ ފަރާތްތަކު ފަރާތްތަކުން ރާއްޖެ އަންނަތާ 3-5 ދުވަހުގެ ތެރޭގައި ޕީސީއާރް ޓެސްޓް ހެދުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.