ރައްކާތެރިކޮށް އޮތް ޑައިނަސޯ ބިހެއްގެ ތެރެއިން އުފަންވުމަށް ތައްޔާރުވެފައި އޮތް ޑައިނަސޯއެއްގެ ކަށިގަނޑެއް ފެނިފައިވާކަމަށް ސައިންޓިސްޓުން ހާމަކޮށްފިއެވެ.

ޗައިނާއިން ފެނިފައިވާ މި ޑައިނަސޯ ބިހުގެ ތެރޭގައި އޮތް ޑައިނަސޯ ސައިންޓިސްޓުން ސިފަކޮށްފައި ވަނީ ބިހަކުން ނުކުންނަން ތައްޔާރުވެފައިވާ ފިޔޮކެއް ގޮތަށެވެ.

މީގެ 66 ވަރަކަށް މިލިއަން އަހަރު ކުރީގެ މި ބިހަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާ، ޑައިނަސޯ އެންމެ ބޮޑަށް ވައްތަރީ ދޫނި ސޫފާސޫފި ބިހުން ނުކުންނަން ތައްޔާރު ވާއިރު އޮންނަ ގޮތަށް ކަމަށް ސައިންސްވެރިން ބުނެއެވެ.

މި ޑައިނަސޯއަކީ ތެރަޕޮޑް ނުވަތަ އޮވައިރަޓޮރޮސޯ އާއިލާއަށް ނިސްބަތްވާ ޑައިނަސޯއެއް ކަމަށް ލަފާކޮށް ސައިންސްވެރިން ވަނީ މި ޑައިނަސޯއަށް 'ބޭބީ ޔިންގްލިއެންގް" ގެ ނަމުން ނަން ދީފައެވެ.

ބޭބީ ޔިންގްލިއެންގް ގެ ދިގު މިނުގައި 27 ސެންޓިމީޓަރު ހުރި އިރު މި ޑައިނަސޯ މިހާރު ވަނީ ޔިންގްލިއެންގް ސްޓޯން ނޭޗާ ހިސްޓްރީ މިއުޒިއަމް ގައެވެ.

ޑައިނަސޯއާ ގުޅިގެން ތަޖުރިބާކާރުން ބުނެފައި ވަނީ މި ބާވަތު ޑައިނަސޯ ބޮޑުވުމުން ހަށިގަނޑުގައި 2 ނުވަތަ 3 މީޓަރު ހުންނާނެ ކަމަށާ އާންމު ގޮތެއްގައި ކައި އުޅޭނީ ގަސްގަހާ ގެހީގެ ބައެއް ބާވަތްތައް ކަމަށެވެ.

މި ޑައިނަސޯ އިތުރަށް ދިރާސާ ކުރުމާއެކު ކަށިގަނޑުގެ ފުރިހަމަ ސްކޭންއެއް ކުރެވި ތަސްވީރެއް ހޯދުމަކީ ކުރިއަށް އޮތްތަނުގައި ކުރާނެ ކަންކަން ކަމަށް ބެލެވެއެވެ.