ސުނާމީގައި ލިބުނު ގެއްލުންތަކުގައި ހަލާކުވި ގެތަކުގެ މަސައްކަތުގައި އުޅުނު ވިމަސް މޯލްޑިވްސް އަށް ގއ. ވިލިނގިލީ ކޯޓުން އިތުރަށް ދޫކުރި 1.7 މިލިއަން ރުފިޔާގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް އޮޑިޓާ ޖެނެރަލް އޮފީހުން މިއަދު ލަފާ ދީފިއެވެ.
އެ މައްސަލަ ހިނގައިދިޔަ ގޮތުގެ އޮޑިޓް ހެދުމަށް ފަހު، އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނީ، އެ ދެކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލާތަށް ބަލާއިު، ވިމަސް އަށް ނަގާއިދެވޭނީ ޕީބީޑީސީން ކޮށްފައިވާ މަސައްކަތުގެ އަސްލު އަގުގެ ގޮތުގައި ހޯދަން އެދިފައިވާ 72،500 ރުފިޔާ ކަމަށެވެ. ނަމަވެސް ވިމަސް ކުންފުންޏަށް ކޯޓުން ވަނީ 1،840،050 ރުފިޔާ ދީފައެވެ.
ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ޑިސެމްބަރު 31، 2018 ގައި ކުރި ހުކުމާ ގުޅިގެން އެ ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދައްކާފައިވާ 1،840،050 ރުފިޔާގެ ތެރެއިން 72،500 ރުފިޔާ ފިޔަވައި ބާކީ ހުރި 1،767،550 ރުފިޔާއަކީ ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ދޭންޖެހޭ ފައިސާއެއް ނޫން ކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުގައި ބުނެއެވެ. އަދި ބާކީ ހުރި 1.7 މިލިއަން ރުފިޔާ ހޯދައި އެ ފައިސާ ޕަބްލިކް ބޭންކް އެކައުންޓަށް ޖަމާކުރަން ލަފާ ދީފައިވާ ކަމަށެވެ. އަދި ވިމަސް އަށް ދޭންޖެހޭ ފައިސާ އަށް ވުރެ އިތުރަށް ފައިސާ ދިނުމުގައި ޒިންމާވާ ފަރަތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި މި މައްސަލަ ތަހުގީގު ކުރަން އޭސީސީއަށް ހުށަހެޅުމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފައެވެ.
މި މައްސަލަ ފެށިގެން އައިސްފައި ވަނީ ސުނާމީގައި ލިބުނު ގެއްލުމާ ގުޅިގެން، ގއ. ވިލިނގިލީގައި އިމާރާތެއް އެޅުމަށް ހަވާލުވި ޕާފޯމަންސް ބިލްޑާސް އެންޑް ޑިވެލޮޕާސް ކޯޕަރޭޝަން (ޕީބީޑީސީ) އަށް ވިމަސް މޯލްޑިވްސް ކުންފުނިން ސަޕްލައިކޮށްދިން ދޮންވެލީގެ އަގު ކަމަށްވާ 72,500 ރުފިޔާ ނުލިބުމުންނެވެ. މި މައްސަލައިގައި ވިލިނގިލީ ކޯޓުން ފިނޭންސް މިނިސްޓްރީގެ މައްޗަށް އަމުރުކުރީ ފުރަތަމަ ހުކުމާ އެއްގޮތަށް ދައްކަން ޖެހޭ ފައިސާއާ އާއި ޖޫރިމަނާގެ ގޮތުގައި އަރާފައިވާ 1.8 މިލިއަން ރުފިޔާ މަހެއްހާ ދުވަހުގެ ތެރޭގައި އެ ކޯޓުގެ އެކައުންޓަށް ޖަމާ ކުރުމަށެވެ. ނަމަވެސް ހައި ކޯޓުވަނީ ވިލިގިލިން ކުރި އަމުރު ބާތިލްކޮށް ޖޫރިމަނާ ފައިސާ ނުލައި މުއާމަލާތުގެ އަސްލު އަގަށްވާ 72,500 ރުފިޔާ ވިމަސް އަށް ދައުލަތުން ދެއްކުމަށެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން ވަނީ އޮޅިގެން ވިލިގިނލީ މެޖިސްޓްރޭޓް ކޯޓަށް 1.8 މިލިއަން ރުފިޔާ ފޮނުވާފައި ވާ ކަމަށާއި އެ ފައިސާ އަނބުރާ ދިނުމަށް އެދިފައެވެ. އަދި އެ ފައިސާ ވަނީ ހައި ކޯޓުން ބާތިލްކުރި ވިލިނގިލީ މެޖިސްޓްރީ ކޯޓުގެ ހުކުމާ އެއްގޮތަށް 1.8 މިލިއަން ރުފިޔާ ވިމަސް ކުންފުނީގެ ޑިރެކްޓަރެއްގެ އެކައުންޓަށް ޖަމާކޮށްފައެވެ.