މާލޭގެ ފެނުގެ މައި ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވެފައިވާ މައްސަލައެއް ހައްލުކުރަން އެމްޑަބްލިއުއެސްސީން މަސައްކަތް ފަށާފައި ވާއިރު މާލޭގެ ބޮޑު ސަރަހައްދަކަށް ޕްރެޝަރުގައި ފެން ނުލިބިދާނެކަމަށް އެކުންފުނިން ބުނެފިއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، މައި ޑިސްޓްރިބިއުޝަން ނެޓްވޯކަށް ދިމާވެފައިވާ މައްސަލައެއް ހައްލުކުރުމުގެ މަސައްކަތްތައް މިވަގުތު ކުރިއަށްދާ ކަމަށާއި، އެހެންކަމުން ހިދުމަތް ލިބުމުގައި ދަތިތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން މަސައްކަތް ހިނގަމުންދާ ވަގުތު މާލޭގެ ބޮޑު ސަރަހައްދަކަށް ފެން ލިބުން އެކަށީގެން ވަނީ ލޯ ޕްރެޝާގައި ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
އަދި މި މައްސަލަ ވީހާވެސް އަވަހަށް ހައްލުކުރުމަށްޓަކައި މަސައްކަތްތައް ކުރަމުން ދާ ކަމަށްވެސް އެމްޑަބްލިއުއެސްސީން ބުނެއެވެ.
އެކުންފުނިން ވަނީ މި މަސައްކަތުގެ ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދިފައެވެ.