ރާއްޖެ ގެނައި 100،600 ޑޯޒްގެ ފައިޒާ ވެކްސިން ޖެހުމަށް އަންނަނީ ތައްޔާރުވަމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ވެކްސިން ޖަހަން ފެށުމަށް ބޭނުންވާ ތައްޔާރީތައް ވަމުން ދިޔަ ނަމަވެސް ފައިޒާ ވެކްސިން ޖެހުމަށް ބޭނުންވާ ސިރިންޖްގެ ގްލޯބަލް ސޯޓޭޖެއް އުޅޭތީ ވެކްސިންއާ އެކީ ލިބެން ޖެހޭ ސިރިންޖް ސިޕްމަންޓް ލިބުމުގެ ލަސްތަކެއް އުޅޭ ކަމަށެވެ. އަދި ސިރިންޖް ލިބި އެހެނިހެން ތައްޔާރީތައް ނިމުމުން ވެކްސިން ޖަހާނެ ދުވަހެއް އިއުލާން ކުރާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެ ގެނައި 100،600 ޑޯޒްގެ ފައިޒާ ވެކްސިން އަކީ ކޮވެކްސް ފެސިލިޓީގެ ދަށުން ރާއްޖެއަށް ލިބުނު ވެކްސިނެވެ. މިގޮތުން މި ޝިޕްމެންޓާއެކު ވެކްސިން ޖެހޭ އާބާދީ އަށް ވެކްސިން ދިނުމާއެކު ބޫސްޓާ ޑޯޒް ޖަހަން ވެސް ބޭނުން ކުރެވޭނެ ކަމަށް ޔުނިސެފުން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކަމަށާއި ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިނެވެ. ބޫސްޓާ ޑޯޒް ޖަހަނީ ވެކްސިން ފުރިހަމަ ކޮށް ހަ މަސް ދުވަސް ވެފައި ތިބޭ މީހުންނަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ބޫސްޓާ ޑޯޒް ޖަހަމުން ދަނީ ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުނާއި 50 އަހަރުން މަތީގެ މީހުންގެ އިތުރުން ދިފާއީ ނިޒާމް ބަލިކަށި މީހުނަށެވެ.

ބޫސްޓާ ޑޯޒް ޖަހަމުން އަންނަނީ އެޕޮއިންޓްމަންޓް އުސޫލުން ހުޅުމާލެ ހޮސްޕިޓަލް، އައިޖީއެމްއެޗް، އޭޑީކޭ އަދި ދަމަނަވެށިން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 496 މީހުން ބޫސްޓާ ޑޯޒް ޖަހާފައިވާ ކަމަށެވެ. މީގެ ތެރެއިން މާލެ ސަރަހައްދުގައި 317 ބޫސްޓާ ޑޯޒް ޖަހާފައި ވާއިރު އަތޮޅު ތެރެއިން 179 މީހަކު ވަނީ ބޫސްޓާ ޑޯޒް ޖަހާފައެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 22،093 މީހުން ވަނީ ވެކްސިންގެ ބޫސްޓާ ޑޯޒް ޖަހާފައެވެ.