އޭސީސީން ތަހުގީގު ކުރުމަށް ފަހު ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތަކުގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާ އެކު މަޝްވަރާ ކުރާ ނަމަ އެ މައްސަލަތަކުގައި ދައުވާ ކުރެވޭލެއް އަވަސް ވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވީ، ކޮރަޕްޝަންއާ ގުޅުން ހުންނަ މައްސަލަތަކުގައި ދައުވާ އުފުލުމަށް ޕީޖީއަށް ފޮނުވާ މައްސަލަތަކުގައި ޕީޖީން ދައުވާ އުފުލާ މުއްދަތު ދިގު ދެމޭ ކަމަށް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވި ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

އެގޮތުން ޒަރިޔަންދު ވަނީ، ޕީޖީ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ގޮތެއް ނިންމުމުގައި ގިނަ ދުވަސްތަކެއް ހޭދަވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނާ މައްސަލައަށް ފާޑު ވިދާޅުވެފައެވެ. ޒަރިޔަންދު ވިދާޅުވީ، ކޮރަޕްޝަންގެ މައްސަލައެއް ނުނިންމި ދިގުލައި ދިޔުމަކީ، އެ މައްސަލައެއް ރައްދުވާ ފަރާތްތަކާއި ދިމާލަށް އާންމުން ލައްވާ "ވަގަށް" ގޮއްވައި، "އަބުރު" ނަގާލުމަށް ދެވޭ ފުރުސަތެއް ކަމަށެވެ. ކޮރަޕްޝަންގެ މައްސަލައެއް ހުށަހެޅޭތާ އެއް ހަފްތާ އާއި ހަ މަސް ދުވަހުގެ ތެރޭ ނިންމެން ވާނެ ކަަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދު ޓްވިޓާގައި ފާޅުކުރެއްވި ޝުއޫރަށް ރައްދު ދެއްވަމުން ޝަމީމް އެ ޓްވީޓުގެ ދަށުން ވިދާޅުވީ، މިއަހަރުތެރޭ އޭސީސީން ހުށަހެޅި ކޮރަޕްޝަންގެ ހަތަރު މައްސަލައިގައި ޕީޖީން ގޮތެއް ނިންމުމަށް ހޭދަވި މުއްދަތު ޒަރިންޔަންދު ވިދާޅުވާ މުއްދަތަށް ވުރެ ދިގުލައިގެން ގޮސްފައި ނުވާ ކަމަށެވެ. އެގޮތުން އެ މައްސަލަތަކުގައި ގޮތެއް ނިންމުމަށް ހޭދަވި މުއްދަތު ޝަމީމް ވަނީ ހާމަ ކުރައްވާފައެވެ.

ފުރަތަމަ މައްސަލައަށް އެއް މަހާއި 20 ދުވަސް ހޭދަވެފައި ވާއިރު ދެވަނަ މައްސަލަ އަށް ހޭދަވެފައި ވަނީ އެއް މަހާއި ތިން ދުވަހެވެ. ތިން ވަނަ މައްސަލައަށް ހޭދަވީ އެއް މަހާ ހަފްތާއެއް ކަމަށާއި އަދި ހަތަރު ވަނަ މައްސަލައަށް ހޭދަވީ ފަސް މަހާއި ދެ ހަފްތާ ކަމަށް ޝަމީމް ވިދާޅުވެފައި ވެއެވެ.

އޭސީސީއަށް ހުށަހަޅާ މައްސަލަތައް ނިންމުމުގައި ލަސްތަކެއް ހުރިކަން ފާހަގަ ކުރައްވަމުން ޝަމީމް އިތުރަށް ވިދާޅުވީ، އޭސީސީއަށް ހުށަހަޅާ މައްސަލަތަކުގައި އެއަށް ވުރެ ކުރު މުއްދަތެއްގައި ގޮތެއް ނިންމި ދާނެ ކަމަށާއި އެކަން ކުރެވޭނީ އޭސީސީން މައްސަލައެއް ތަހުގީގު ކުރާއިރު އެ މައްސަލައަކާ ގުޅޭ ގޮތުން ފުލުހުންގެ ހިދުމަތުން ކަންކުރާ ގޮތަށް ޕީޖީއާއެކުގައި މަޝްވަރާ ކުރާ ކަމުގައި ވާނަމަ ކަމަށެވެ.

އޭސީސީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ދިގު މުއްދަތެއް ނަގާފައިވާ މައްސަލައަކީ އެމްއެމްޕީއާރްސީ މައްސަލައިގައި ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފްގެ މައްޗަށް ދައުވާ އުފުލުމަށް ފޮނުވި މައްސަލައެވެ.

އެސްއޯއެފްއާ އެކު ޑޮލަރުގެ މުއާމަލާތެއް ހިންގާފައި ވާކަން އެނގުމުން، އެންމެ ފުރަތަމަ މަހްލޫފް ސަސްޕެންޑް ކުރީ ފެބްރުއަރީ 14، 2019 ގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި މަހްލޫފްގެ މައްސަލައެއް ނެތުމުން ބަލަން ޖެހޭ އިތުރު ކަންކަމަށް ބެލުމަށް ފަހު، މަހްލޫފްގެ ސަސްޕެންޝަން އުވާލީ، އޭގެ ދެ މަސް ފަހުން އޭޕްރީލް 16، 2019 ގައެވެ.

ނަމަވެސް އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓް އޭސީސީން ނެރުމުން، މަހުލޫފްގެ މުއާމަލާތެއް ވެސް އޭގައި ހިމެނޭތީ މިއަހަރުގެ ޖޫން މަހުގެ ނުވަ ވަނަ ދުވަހު ފޮނުވުމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މަހުލޫފު މަގާމުން ސަސްޕެންޑް ކުރެއްވިއެވެ. ނަމަވެސް ހަތަރު މަސް ދުވަހަށް ފަހު މިދިޔަ އޮކްޓޯބަރު މަހުގެ ދިހަވަނަ ދުވަހު އޭނާގެ ސަސްޕެންޝަން ވަނީ އަނެއްކާވެސް ނިމުމަކަށް ގެނެސްފައެވެ.

ފަސް މަހާއި 14 ދުވަހަށް ފަހު މަހްލޫފް މައްސަލައިގައި ޕީޖީން ގޮތެއް ނިންމައި ކްރިމިނަލް ކޯޓަށް އެ މައްސަލަ ފޮނުވާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ.

މަހުލޫފްގެ މައްޗަށް އުފުލާފައި ވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާއެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުގައި މަހްލޫފް ހުންނެވި އިރު، އޮގަސްޓު 27، 2014 ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، 33،000 ޑޮލަރުގެ ޗެކެއް މަހްލޫފްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ސެޕްޓެމްބަރު 1، 2014 ދުވަހު ޖަމާކޮށްފައި ވާތީއެވެ.