ފެބްރުއަރީ 1، 2018 ގައި ސުޕްރީމް ކޯޓުގެ ޓިނު ނެގި ގޮތަށް، ރައީސް ޔާމީނު ދޫކޮށްލަން ސްޕްރީމް ކޯޓުން ކުރި ހުކުމްގައި އޮތް "ރައީސަކު ކަންކުރައްވަން ޖެހޭ ގޮތަކަށް ނޫން" ކަމަށް އޮތް ބައިގެ މައްޗަށް ކުއްލި ނުރައްކާ ހިންގަން ހުއްދަ ކުރަނީތޯ އައްސަވާ ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ ޔާމީނަށް ފާޑުވިދާޅުވެއްޖެއެވެ.

މާރިއާ މިހެން ވިދާޅުވީ، ރޭ ކާނިވާ ސަރަހައްދުގައި އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސުޕްރީމް ކޯޓުގެ ޓިނު ނެންގެވި ސަބަބު ހާމަ ކުރައްވަމުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުންނެވެ. މާރިއާ ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ކޮށްފައިވާ ހުކުމް ބާތިލްކޮށް ކުށުން ބަރީއަވީ ޗެކް ނަންބަރު ދިމާނުވުމުން ކަމަށެވެ. ނަމަވެސް އެ ހުކުމްގައި ރައީސަކު ކަންކޮށްގެން ނުވާނެ ކަމަށް ބަޔާން ކުރާ ކަންތައްތަކެއްވެސް އެބަހުރި ކަމަށެވެ. އެހެންކަމުން ކުއްލި ނުރައްކާ އިއުލާންކޮށް މީހުން ޖަލަށް ލުން ގާނޫނު ހުއްދަ ކުރާ ކަމަކަށް ޔާމީނު ވިދާޅުވަނީތޯ އައްސަވާ މާރީޔާ ފާޑުވިދާޅުވިއެވެ.

"ރައީސް ޔާމީން ދޫކޮށްލި ސުޕްރީމް ކޯޓުގެ ހުކުމުގައި އެބަ އޮވޭ، ރައީސް ޔާމީން ކަން ކުރެއްވީ ގައުމެއްގެ ރައީސަކު ކަން ކުރައްވާނެ ގޮތަކަށް ނޫން ކަމަށް. ވީމާ، ޗެކް ނަންބަރު ދިމާނުވެ މަނިކުފާނު ދޫވީމައި މަނިކުފާނަށް ކުއްލި ނުރައްކާ ހިންގާ ޖަލަށް ލުން ގާނޫނު ހުއްދަ ކުރާ ކަމަށްތޯ ތި ވިދާޅުވަނީ؟"
ޑިފެންސް މިނިސްޓަރު މާރިއާ އަހްމަދު ދީދީ

ރޭ ޖަލްސާގައި ޔާމީން ވިދާޅުވެފައި ވަނީ، އެދުވަހު ސުޕްރީމް ކޯޓުގެ "ޓިނު ނަގަން" ޖެހިވަޑައިގެންނެވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން އޭރު ނެތުމުން ކަމަށެވެ. އެގޮތުން އޭރު ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

އެ ދެބޭފުޅުން ހުޅުމާލޭގައި ބައްލަވައިގެންފައި ހުރި އެޕާޓްމަންޓްތަކަކާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ވެސް އެ ބޭފުޅުން ބައްލަވައިގެންފައި ހުރި، އެ ބޭފުޅުންގެ ތަނަވަސް ކަމާ ނުބައްދަލު އެޕާޓްމަންޓްތަކެއްގެ މައްސަލަ ފެންމަތިވެގެން ދިޔަ ކަމަށް ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ. އެ ދެ ފަނޑިޔާރުން އޭރު ތިއްބެވީ ކޮރަޕްޝަންގެ ވިޔާނުދާ އަމަލުތަކެއް ކުރައްވައިގެން ކަމަށާއި އޭރު މަނީ ލޯންޑަރިންގެ ގަވާއިދު އޮތްނަމަ ވަރަށް ފުރިހަމައަށް އެ ކުށުގެ ތެރެއަށް އެ ދެ ބޭފުޅުން ފެތުނީސް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ދިފާއަށް ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނެ މިންވަރަށް ހެކި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.

ޔާމީން އެވާހަކައިގެ ތަފްސީލު ދެއްވަމުން އިތުރަށް ވިދާޅުވީ، އޭރުގެ ސްޕްރީމް ކޯޓުން ތިބީ، އެމީހުން ހައްޔަރުކޮށް ސުވާލެއް ކުރެވޭނީ އެމީހުންގެ ބެންޗުން ފާސްކޮށްގެން ކަމަށް ބުނާ ގަވައިގެން އަމިއްލައަށް ހައްދަވައިގެން އޭގެ ނިވަލުގައި ކަމަށެވެ. "ޓިނު ނަގަން" ޖެހުނު ސަބަބަކީ އެ މާއްދާ ސަސްޕެންޑް ކުރެއްވުމް ކަމަށް ތަކުރާރު ކޮށް ޔާމީން ވިދާޅުވިއެވެ.