މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް އަދި އެނާ ފިރިމީހާ ހާރްޝް ލިމްބަޗިޔާ އަށް ދަރިއަކު ލިބެން އުޅޭ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ދާދި ފަހުން ހަބަރުތަކުގެ ސުރުހީތަކަށް އެރި އެއް ވާހަކައަކީ ބާރްތީ އޭނާގެ ހަށިގަނޑަށް ބޮޑު ބަދަލެއް ގެނައި ހަބަރެވެ. މިގޮތުން އޭނާ ވަނީ 15 ކިލޯ ހިއްކާލާފައެވެ. ބަރުދަން ލުއި ކުރަން އޭނާ ގެންގުޅުނު އުކުޅަކީ އިންޓާމިޓެންޓް ފާސްޓިންއެވެ. އިންޓާމިޓެންޓް ފާސްޓިން އަކީ ކަނޑައެޅިފައިވާ ވަކި ގަޑިއެއްގައި ނޫނީ ނުކެއުމެވެ.

އޭރު ބާރްތީ ބުނެފައި ވަނީ ބަރުދަން މާ ބޮޑަށް ބަރުވުމުން އެ ބަލީގެ އުނދަގޫތައްވެސް ބޮޑުވެ، ނޭވާ ލާން އުނދަގޫވި ކަމަށެވެ. އަދި މާ ބޮޑަށް ހަކުރުވެސް މައްޗަށް ދާން ފެށިކަމަށް ބުންޏެވެ.

ނަމަވެސް މިހާރު ވާހަކަތައް މިވަނީ ބަދަލުވެފައެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނާގޮތުގައި ބާރްތީ ބަރުދަން ލުއިކޮށްފައި ވަނީ "ހެލްތީ ޕްރެގްނެންސީ" އަކަށެވެ.

އެކަމާ ގުޅިގެން އިންޑިއާޣެ ބައެއް ނޫސްތަކުން ބާރްތީއާ ސުވާލުކުރުމުން ބުނީ އެހަބަރު އެނާ ދޮގުކުރަން ވެސް އަދި ތެދު ކުރަން ވެސް ބޭނުން ނުވާ ކަމަށެވެ. އެހެން ނަމަވެސް ވަގުތު ޖެހުމުން އެކަމާ ގުޅިގެން ވާހަކަ ދައްކާނެ ކަމަށް ބާރްތީ ބުންޏެވެ. ބާރްތީ ބުނީ އެކަންތައްތަކަކީ ފޮރުވޭނެ ކަންތައްތަކެއް ނޫން ކަމަށާއި އެހެންކަމުން އޭނާ ބޭނުން ވީމާ އެކަން ހިއްސާކުރާނެ ކަމަށެވެ.

ބާރްތީ އަދި ހާރްޝް ވަނީ މީގެ ކުރިން ދަރިއަކު ހޯދުމާ ގުޅޭގޮތުން މީޑިއާތަކުގައި ވާހަކަ ދައްކާފައެވެ. އެގޮތުން އެތައް ފަހަރަކު ދަރިއަކު ހޯދުމަށް އެމީހުން މަސައްކަތް ކޮށްފައިވާ ކަމަށް ބުންޏެވެ.

ބާރްތީ އާއި ހާރްޝް ކައިވެނިކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ.