މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސަށް ހުޅުމާލެ ގެނައީ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖަލްސާ ބާއްވަން ނޫން ކަމަށް އެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ އިދިކޮޅުން ބާއްވަން ނިންމާފައިވާ "ކޮތަރުކޮށި" ޖަލްސާއާ ދިމާކޮށް ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހުޅުމާލެ ހިމެނުމަށް ނިންމީ އިއްތިފާގުން ކަމަށެވެ.

މާދަމާ ރޭ އިދިކޮޅުން ހުޅުމާލެ ފޭސް 2 ސަރަހައްދުގައި "ކޮތަރުކޮށި" ނަމުގައި ބޭއްވުމަށް ނިންމާފައިވާ ޖަލްސާ ބޭއްވުމަށް ހުއްދަ ނުހޯދާ ކަމަށް އެޗްޑީސީއިން ވަނީ ބުނެފައެވެ. އަދި އިއްޔެ ތައްޔާރީތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅުމަށް ފުލުހުން ވެސް ވަނީ ނުކުމެފައެވެ.

އިއްޔެ ސިޓީ ކައުންސިލުން ވަނީ ވޯޓެއް ނަގާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް ސިޓީ ކައުންސިލްގެ އިހްތިސޯސްގައި ހުޅުމާލެ ހިމަނާފައެވެ.

މުއިއްޒު ވިދާޅުވީ ހުޅުމާލެ އިހްތިސޯސްގެ ތެރޭގައި ހިމެނޭ ކަންކަން ކުރުމަށް ރައްޔިތުން މަޖިލީހާއި އެ މަޖިލީހުގެ ރައީސް އާއި އެލްޖީއޭގައި ވެސް އެދުނު ކަމަށާއި ވޭތު ވެދިޔަ 6 މަސް ދުވަހު އެކަމަށްޓަކައި ވަރަށް ގިނަ މަސައްކަތް ތަކެއްވެސް ކޮށްފައި ވާނެ ކަމަށެވެ. އަދި ހުޅުމާލެ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުވެސް އެކަމަށް އަޅާ ނުލާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވަނީ އޭނާ އާ އެކު ވާދަކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓަށް ހުޅުމާލޭގެ ހުރިހާ ކަމެއް ގާނޫނުގައި އޮތް ގޮތަށް ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށްވެސް ވިދާޅުވެފައެވެ.

މުއިއްޒު ވިދާޅުވީ އިއްޔެ ނިންމި ނިންމުމަކީ މިކަމަށް އޮތް ހަމައެކަނި ގޮތް ކަމަށް ނިންމާ ނިންމި ނިންމުމެއް ކަމަށެވެ. އަދި ހުޅުމާލެ އަކީ މީހެއްގެ ގޯއްޗެއް ކަމަށް ވަނީ ނަމަ ކީއްކުރާ ކައުންސިލްއެއްތޯ އާއި ކީއްކުރާ މަޖިލިސް މެންބަރެއްތޯ މުއިއްޒު ވަނީ ސުވާލު އުފައްދަވާފައެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ އެޗްޑީސީއިން އެއްބަސްވުމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަނީ ކަމަށާއި އެ އެބަސްވުމުގައި ބުނެފައި ވާނީ މަގުތަކާއި އާންމުތަންތަނާއި ޕާކުތަކާއި މިސްކިތްތަކާއި ސްކޫލްތަކާއި ރައްޔިތުން ބޭނުންކުރާ ތަންތަނަކީ އެޗްޑީސީގެ މިލްކެއް ނޫން ކަމަށެވެ. މުއިއްޒު ވަނީ ހުޅުމާލެ ރުއްގަނޑު ފަދަ ތަންތަން ކައިވެނި ޕާޓީ ފަދަ ކަންކަމަށް ސިޓީ ކައުންސިލުން ހުއްދަ ދިނުމުން އެކަން އެޗްޑީސީއިން މަނާކުރާ ކަމަށްވެސް ވިދާޅުވެފައެވެ.