މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު މެންދުރުފަހު 2 ޖަހާއިރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހާޒިރު ވާން އަންގައިފިއެވެ.

މުއިއްޒު ވިދާޅުވީ އޭސީސީ އަށް ހާޒިރުވާން އެންގީ ބިރު ދެއްކުމުގެ ގޮތުން ކަމަށާއި އެކަމާ ޖެހިލުންވެވަޑައިނުގަންނަވާ ކަމަށެވެ.

އޭސީސީ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން މުއިއްޒު ވިދާޅުވީ އޭސީސީ އަކީ ގާނޫނީ ގޮތުން މިނިވިން މުއައްސަސާ އަކަށްވީ ނަމަވެސް މިނިވަންކަމާ އެކު ހިނގާ އިދާރާއެއް ނޫން ކަމަށެވެ.

އެޗްޑީސީގެ މިލްކުގެ ތެރޭގައިވާ ހުޅުމާލެ ފޭސް 1 އަދި 2 މާލެ ސިޓީ ކައުންސިލުން ނެގި ވޯޓަކުން ވަނީ އެ ކައުންސިލްގެ އިހުތިސޯސްގައި ހިމަނާފައެވެ. އަކަމާ ގުޅިގެން އެޗްޑީސީއާއި މާލެ ސިޓީ ކައުންސިލްގެ ކޯޅުން އަންނަނީ ހޫނުވަމުންނެވެ.

މުއިއްޒުގެ ހައުސިން މިނިސްޓަރު ކަމުގައި ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހެދި ބްރިޖް ވިއު ޕްލެޓްފޯމްގެ އެގްރީމެންޓާއި ގުޅޭ ބައެއް ތުހުމަތުތަކާއި އެތަނުގެ ބައެއް އިމާރާތްތަކަށް ގެނައި ބަދަލާއި ގުޅިގެން މުއިއްޒު ވަނީ އެ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރައްވާފައެވެ.

ދައުލަތުން ވަނީ މުއިއްޒުގެ މައްޗަށް ދޮގު ބަޔާނެއް ދިނުމުގެ ދައުވާއެއް ވެސް އުފުލާ ޖޫން 14، 2020 އެ މައްސަލަ ކޯޓަށް ފޮނުވާފައެވެ. އަދި މައްސަލައިގެ ޝަރީއަތްތައް ކޯޓުގައި މިހާރު ދަނީ ހިނގަމުންނެވެ.