ކ. ކާށިދޫގައި އަލަށް ހިއްކި ސަރަހައްދަށް ފޯރުކޮށްދީފައިވާ ކަރަންޓުގެ ހިދުމަތް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ، ކ. ކާށިދޫގައި އަލަށް ހިއްކި ސަރަހައްދުން ލޯކަލް ޓޫރިޒަމަށް ކަނޑައަޅާފައި ވާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި މަސައްކަތް ކުރަމުން ދާ ކަމަށެވެ. އެ ގޮތުން މީޑިއަމް ވޯލްޓޭޖް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި މަސައްކަތުގެ ތެރެއިން ފޮނުވާފައިވާ، ޓްރާންސްފޯމަރު މިހާރު ވަނީ ސަބްސްޓޭޝަންގައި ބަހައްޓާފައި ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެ ޓްރާންސްފޯމަރާ އެކު ކާށިދޫގެ ކަރަންޓުގެ ނެޓްވޯކް އިތުރަށް ފުރިހަމަ ކުރެވިގެން ދާނެ ކަމަށާއި އެކަމުގެ ފައިދާ ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓުގެ ހިދުމަތްތައް އެންމެ ފުރިހަމަ އަށް ފޯރުކޮށް ދިނުމުގައި އަބަދުވެސް ދެމި ތިބި ސްޓެލްކޯގެ އަމާޒަކީ ކަރަންޓުގެ މަސައްކަތްތައް ފުރިހަމަ ކަމާ އެކު ރައްޔިތުންނަށް ފޯރުކޮށް ދިނުމެވެ. އަދި ކަރަންޓުގެ މައްސަލަތައް ހައްލު ކޮށްދީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތް ކުރުމުގައި އެ ކުންފުނި ދެމި ތިބުމަށް މަސައްކަތް އަބަދުވެސް ކުރެއެވެ.