ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން ރާއްޖެއިން ފެނުމާ ގުޅިގެން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް އިތުރު ސަމާލުކަންދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އޮމިކްރޯން ވޭރިއަންޓް ރާއްޖެއިން ފެނުނު ކަމަށް އެޗްޕީއޭއިން ރޭގެ ވަގުތެއްގައި އަންގާފައިވާއިރު އެޗްޕީއޭއިން ބުނީ ރާއްޖެއިން ފެނިފައިވާ މި ކޭސްއަކީ ސައުތު އެފްރިކާއިން ރާއްޖެއަށް މިދިޔަ މަހު 21ގައި އައި ފަތުރުވެރިއެއް ކަމަށެވެ. މިގޮތުން ކޭސްގެ ވެރިއަންޓާބެހޭ މައުލޫމާތު ލިބިފައިވަނީ ޑޭރިއަންޓް ދެނެގަތުމަށްޓަކައި ޖިނޯމިކް ސިކުއެންސިން ހެދުމަށް ރާއްޖެއިން ބޭރަށް މިދިޔަ މަހު 30 ވަނަ ދުވަހު ފޮނުވުނު ސާމްޕަލްތައް ޓެސްޓުކުރުމުން ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ..

އެޗްޕީއޭއިން ބުނީ ޖިނޯމިކް ސިކުއެންސިން ހެދުމަށްޓަކައި ގަވާއިދުން ވަކި އަދަދެއްގެ ސާމްޕަލްތައް ޑަބްލިއުއެޗްއޯގެ އެހީގައި ޓެސްޓުކުރަމުންދާ ކަމަށާއި ރާއްޖެއިން ޖިނޯމިކް ސިކުއެންސިން ހެދިފައިވާ ސާމްޕަލްތަކުގައި އާންމުކޮށް ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓު ކަމަށެވެ.

ވީމާ، ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ސަމާލުކަންދީ ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލުކުރުމަށާއި ބަލިން ރައްކާތެރިވުމަށްޓަކައި އަމަލުކުރުމަށް އޭޖެންސީން އިރުޝާދުދީފައިވާ ގައިޑްލައިންތަކާއި ފިޔަވަޅުތަކަށް މުހިންމު ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.

އެޗްޕީއޭއިން ބުނީ އާ ވޭރިއަންޓެއްގެ ސަބަބުންނާއި ބަލިން ރައްކާތެރިވުމަށް ފަރުވާ ކުޑަވުމުގެ ސަބަބުން ބަލިފެތުރުން އިތުރުވެ ކޮވިޑް-19 ގެ އިތުރު ރާޅެއް އައުމުން ސަލާމަތްވުމަށް އެންމެންގެ އެއްބާރުލުން މުހިންމު ކަމަށެވެ.

ބަލިން ރައްކާތެރިވުމަށާއި ބަލި ޖެހިއްޖެނަމަ އަޅާނެ ފިޔަވަޅުތައް:

  • މާސްކް އެޅުން، ގައިދުރުކަން ބެހެއްޓުން، އަތް ސާފުކުރުން
  • ބަލީގެ އަލާމާތެއް ހުރިނަމަ ފްލޫކްލިނިކަށް ދައްކާ ޓެސްޓުކުރުން އަދި ބަލިޖެހޭ މީހުން ކަނޑައަޅާފައިވާއުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން އެކަހެރިވުމާއި ކޮންޓެކްޓުން ރަގަޅުގޮތުގައި ކަރަންޓީނުވުން
  • ބަލި ދެނެގަތުމަށް ކުރެވެމުންދާ އެކްޓިވް ސާވެއިލަންސަށް ސާމްޕަލްދިނުމުގައި އެއްބާރުލުން ދިނުން
  • އޮފީހާއި މަސައްކަތުގެ މާހައުލުގައި އަބަދުވެސް މާސްކް އަޅައިގެން އުޅުމާއި އަތް ދޮވުމާއަތް ޖެހޭ ތަންތަން ގިނަ ގިނައިން ސާފުކުރުން އަދި ގައިދުރުކަން ބެހެއްޓުން
  • ދަތުރުފަތުރު ކުރުމުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ފިޔަވަޅުތަކަށާއި ގައިޑްލައިންތަކާ އަމަލުކުރުން
  • އެކި ހަފްލާތަކާއި އިވެންޓްތައް ބޭއްވުމުގައި ކަނޑައެޅިފައިވާ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުން
  • ވެކްސިން ފުރިހަމަ ނުކުރާ ހުރިހާ ފަރާތްތައް ވީހާވެސް އަވަހަށް ވެކްސިން ފުރިހަމަކުރުމާއި ޖޫސްޓާޑޯޒްޖެހުމަށް ކަނޑައަޅާފައިވާ ފަރާތްތައް ބޮސްޓާ ޑޯޒް ޖެހުން

އެޗްޕީއޭއިން ބުނީ ކުރިއެކޭވެސް އެއްގޮތަށް ބަލީގެ ހާލަތަށް އަންނަ ބަދަލުތައް މޮނިޓާކޮށް ބަލަމުންދާނެކަމަށާއި ބަލިކޮންޓްރޯލުކުރުމުގެ ފިޔަވަޅުތައް ހާލަތާ ގުޅިގެން އަޅަމުންދާނެ ކަމަށެވެ.

ކޮވިޑް-19 ގެ އާ ވޭރިއަންޓެއް ކަމުގައިވާ އޮމިކްރޯން އަކީ "ޓޭރިއަންޓް އޮފް ކޮންސަން' އެއް ކަމުގައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ކަނޑައަޅާފައެވެ. ދެކުނު އެފްރިކާއިން ރިޕޯޓްކޮށްފައިވާ އޮމިކްރޯން ވޭރިއަންޓަކީ މިހާތަނަށް ފެނިފައިވާ ޓޭރިއަންޓްތަކަށްވުރެ ގިނަ މިއުޓޭޝަންތަކެއް ހިމެނޭ ޑޭރިއަންޓެއް ކަމަށާއި މިއީ އިތުރު ނުރައްކާތެރިކަމާ ކުރިމަތިވެދާނެ ވޮރިއަންޓެއްކަންފާހަގަކޮށްމި ވޭރިއަންޓާމެދު އިތުރު ސަމާލުކަން ދިނުމަށް އެޖަމްއިއްޔާއިން ވަނީ ގޮވާލައްވާފައެވެ.

އަދި ގައުމުތަކުން ވޭރިއަންޓް ދެނެގަތުމަށް ޓެސްޓުކުރުމަށާއި ބަލި ފެތުރުމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ވަނީ ގޮވާލާފައެވެ.

މި ވޭރިއަންޓާބެހޭ ގޮތުން އިތުރު ދިރާސާތައް ކުރެވި ކަމާބެހޭއެއްކުރުމަށް ފަންނީ މަސައްކަތްތައް ކުރެވެމުން ދާއިރު މި ވޭރިއަންޓް ފެނިފައިވާ ގައުމުތަކުގައި ބަލި ފެތުރުން ވަނީ އިތުރވެފައެވެ. މިގޮތުން މިހާތަނަށް ރާއްޖެއާއެކު 46 ގައުމަކުން ވައިރަސް ފެނިފައިވާ ކަމަށް މިހާރު ރިޕޯޓް ކޮށްފައިވެއެވެ.