ޖެންޑާ މިނިސްޓްރީގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ ތެރެއިން ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކު ވަކިކޮށް މަގުމަތިކުރުމަކީ ހިތާމަހުރި ކަމެއް ކަމަށް މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އިއްޔެ ހިޔާގެ 21 މުވައްޒަފުން ވަކިކުރުމާ ގުޅިގެން މުއިއްޒު ވިދާޅުވީ ސިޔާސަތަށް އައި ބަދަލެއްގެ ސަބަބުން ވިލިމާލޭގައި މަސައްކަތް ކުރާ ޖެންޑާ މިނިސްޓްރީގެ 21 މުވައްޒަފުން މަގުމަތިވާނެ ގޮތަށް ކަންތައް ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށެވެ. އަދި އެ މުވައްޒަފުން މަގުމަތިވިޔަ ނުދިނުމަށް އެހެން އޮފީސްތަކަށް ބަދަލުކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އިއްޔެ ވަޒީފާއިން ވަކިކުރި މުވައްޒަފުންނާއި މުއިއްޒު ވަނީ އިއްޔެ ބައްދަލުކުރައްވާފައެވެ.

އެތަނުގެ މުވައްޒަފަކު ބުނީ ޖެންޑާ މިނިސްޓްރީގެ ވަޒީފާއިން އެ މުވައްޒަފުން ވަކިކޮށްފައި ވަނީ ތަނުގެ އޮނިގަނޑަށް ގެންނަ ބަދަލަކާ ހެދި ކަމަށް އަންގާފައި ކަމަށެވެ. އަދި ވަކިކުރި މުވައްޒަފުންނަށް ނޯޓިސް ފޮނުވާފައި ވީ ނަމަވެސް، އެއްވެސްސ މުވައްޒަފަކު އެ ނޯޓިސް އާ ހަވާލު ނުވާ ކަމަށް އޭނާ ބުންޏެވެ.

ޖެންޑާ މިނިސްޓްރީ އިން ބުނީ ކުޑަކުދިންގެ ހިޔާ ހުސްކޮށް، ރަށްރަށުގައި ގާއިމް ކޮށްފައި ހުންނަ އަމާންވެށިތަކަށް ކުދިން ބަދަލުކޮށްފައި ވާތީ، އެ މުވައްޒަފުންގެ ވަޒީފާ ގެއްލޭނެ ކަމަށް ކުރިން އަންގާފައި ވާ ކަމަށެވެ.