ޓެރަރިޒަމް މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ނުގެންގޮސް، ބަންދުގައި 48 ގަޑިއިރު ބޭތިއްބޭ ގޮތަށް ފުލުހުންނަށް ބާރު ދިނުމަށް، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ގެނައި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމްއެވެ. މި ބިލުގައި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދީ، ޓެރަރިޒަމް މައްސަލަތައް ތަހުގީގު ކުރުމަށް ލުއިތަކެއް ދިނުމަށް ވަނީ ހުށަހަޅާފައެވެ.
މި ބިލު ދިރާސާކުރުމަށް ފަހު ކޮމިޓީން ހުށަހެޅި ރިޕޯޓުގައި ވަނީ، ޓެރަރިޒަމްގެ ކުށްތަކުގައި ހައްޔަރު ކުރާ މީހުން ކޯޓު އަމުރެއް ނެތި، 48 ގަޑިއިރަށް ބަންދުގައި ބޭތިއްބޭނެ ބާރު ފުލުހުންނަށް ލިބިދޭ ކަމަށް ނިންމާފައެވެ. މީގެ ކުރިން ކޯޓު އަމުރެއް ނެތި މީހަކު ބަންދުގައި ބެހެއްޓެނީ 24 ގަޑިއިރަށެވެ.
ކޯޓު އަމުރަކާ ނުލައި 48 ގަޑިއިރު ބަންދުގައި ބެހެއްޓޭނެ ހާލަތްތަކަށް ބަލާއިރު، ޓެރަރިޒަމްގެ އަމަލު ރާވައި، ހިންގުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހުންނާއި މިފަދަ އަމަލެއްގައި އެއްވެސް ގޮތަކަށް އެހީވި ކަމުގެ ތުހުމަތު ކުރެވޭ މީހުންނާއި ހަނގުރާމަތަކުގައި ބޭނުން ކުރާ އާލާތްތައް ގެންގުޅެ، ހަނގުރާމަތަކަށް މީހުން ފޮނުވުމުގައި ބައިވެރިވާ މީހުން ހިމެނެއެވެ.
މީގެ އިތުރުން އެ ރިޕޯޓުގައި ވަނީ ޓެރަރިޒަމް މައްސަލަތަކުގައި ފުލުހުންގެ ތަހުގީގަށް ގާނޫނުން ލިބިދޭ މުއްދަތު ތިން މަހަށް އިތުރު ކުރުމަށް ހުށަހަޅާފައެވެ. މީގެ ކުރިން މައްސަލަތައް ތަހުގީގުކުރުމަށް ފުލުހުންނަށް ލިބެނީ 45 ދުވަސް ކަމުގައި ވިޔަސް، ޓެރަރިޒަމްގެ ބައެއް މައްސަލަތަކާއި ބައެއް ހާލަތްތަކުގައި ތަހުގީގު ހިންގަން ފުލުހުންނަށް 90 ދުވަސް ދިނުމަށް މިއަދު ވަނީ ފާސްކޮށްފައެވެ.