މާލޭގެ މިސްކިތްތައް މަރާމާތުކުރުމަށް ފަންޑު ހޯދުމަށް ބާއްވާ ހަރަކާތް އަންނަ މަހު ބާއްވާ ގޮތަށް ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުމުގެ ރަސްމިއްޔާތު ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެއަކީ ޗާލު ސިޓީއަކަށް ހެދުމަށްޓަކައި ކައުންސިލުން ފަށާފައިވާ މަސައްކަތުގެ އެންމެ މުހިއްމު ކަމަކީ މާލޭގެ މިސްކިތްތައް މަރާމާތުކޮށް ރީތިކުރުން ކަމަށާއި އެހެންނަމަވެސް އެކަން ކުރުމަށް ބަޖެޓެއް ނެތް ކަމަށް މޭޔަރު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 10 ވަނަ ދުވަހު ސަލްޓަން ޕާކްގައި ފަށަން ހަމަޖެހިފައިވާ އެ ފޯރަމްގައި ކޮންމެ މިސްކިތަކަށް ސްޓޯލެއް ހަދާނެ ކަމަށާއި ކޮންމެ ސްޓޯލަކުން ވެސް އެ މިސްކިތެއްގައި ކުރަންހުރި މަރާމާތުގެ މަސައްކަތުގެ ތަފްސީލު ހިއްސާކުރާނެ ކަމަށެވެ.

ޓީވީތަކުގެ އެހީގައި ޓެލެތޯނެއްގެ ގޮތުގައި އެ ފޯރަމް ކުރިއަށްގެންދާނެ ކަމަށާއި މާލޭގެ ހުރިހާ ރައްޔިތުންނާއި ހުރިހާ ވިޔަފާރިވެރިން އެކަމަށް އެއްބާރުލުން ދިނުމަށް އެދޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ކުރިއަށް އޮތް ރަމަޟާން މަސް އަންނަން ވާއިރަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއެކު މާލޭ ސިޓީގައި ހުރި 42 މިސްކިތް އެއްކޮށް މަރާމާތުކޮށް ނިންމާލުމަކީ ސިޓީ ކައުންސިލުން ކުރަމުން އަންނަ އެންމެ ބޮޑު އުންމީދު ކަމަށް ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.