މާލޭގެ ވިޔަފާރި ބަނދަރު ކ. ގުޅީފަޅަށް ބަދަލުކޮށްފައި ވެސް އެތަނުގައި މަދުވެގެން 30،000 މީހުންނަށް ބޯހިޔާވަހިކަން ދެވޭނެ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުގެ މައްސަލަ ކަމަށާއި އެކަން ހައްލުކުރުމަށް ސިޓީ ކައުންސިލުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

މާލޭގެ ނިކަމެތި ރައްޔިތުންނަށް ގޯތި ދެވޭނެ ބިން ދެވަނަ ފިޔަވަހީގައި އެބަހުރި ކަމަށާއި އަދި ގުޅީފަޅުގައި ޕޯޓު އަޅާފައި ވިޔަސް ހުޅުމާލެ ފުރަތަމަ ފިޔަވަހި ވަރުގެ ޖާގައެއް ގުޅީފަޅުގެ ފަޅު ހިއްކައިގެން އަދިވެސް އުފެއްދެން އެބައޮތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ މި ހިޔާލުތައް މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ރައީސް އިބްރާހިމް ސޯލިހާ ބައްދަލުކޮށް އަދި އެކި ފަހަރު މަތިން ސިޓީތައް މެދުވެރިކޮށް ވެސް އެ ދަންނަވާފައި ވާނެ ކަމަށާއި މި މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަން އަވަސްކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން ރޭ ބޭއްވި ހަފްލާގައި ފާއިތުވި އަހަރުތަކުގައި ސިޓީ ކައުންސިލަށް އެކި ގޮތްގޮތުން ހިދުމަތް ކުރި ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުން ވަނީ ދީފައެވެ.