ކާރު ޕާކު ކުރުމަށް ހުރި ޖާގަތަކަކީ ކޮބައިކަން ރިއަލް ޓައިމްކޮށް ފެންނާނެ އަދި އޮންލައިން ކޮށް އެ ޖާގަ ބުކް ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރަށް ހަ މަސް ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވިދާޅުވީ މާލޭގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ ޕާކު ކުރުމަށް ޖާގަ ނެތުން ކަމަށް ވާއިރު، ސިޓީ ކައުންސިލުން ވަނީ ކާނިވާ ސަރަހައްދުގައި ޕާކު ކުރެވޭނެ ތަނެއް ގާއިމް ކޮށްފައި ކަމަށެވެ. އެގޮތުން އެތަނުގައި 700 އަށް ވުރެ ގިނަ ސައިކަލާއި 100 އަށް ވުރެ ގިނަ ކާރު ޕާކު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް މުއިއްޒު ފާހަގަ ކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ ޑްރައިވަރުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ޕާކު ކުރުމަށް ހުރީ ކޮން ޖާގައެއްކަން ބަލާލެވޭނެހެން އޮންލައިން އެޕްލިކޭޝަނެއް މެދުވެރިކޮށް ޕާކިން ސްލޮޓް ބުކް ކުރެވޭނެ ނިޒާމެއް ގާއިމް ކުރައްވާނެ ކަމަށާއި ޕާކިން ސްލޮޓްތަކުން ޖާގަދިނުމުގައި ޓެކްސީތަކަށް އިސްކަން ދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ލޭންޑް ޔޫސް ޕްލޭން ގެ ދަށުން މަލްޓި ޔޫސް ޕާކިން ބިލްޑިންތައް ގާއިމްކުރައްވާނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.