އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑުއުފުލާ މީހުން ފެންނަލެއް މަދެއް ނޫނެވެ. އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް މި މުޖުތަމައުގައި އެތައް ބަޔަކު މަސައްކަތް ކުރަމުން ދާ ތަން ވެސް ފެނެއެވެ. މިއީ ހަމައެކަނި ކޮށްލާ ޓްވީޓަކުން، ނެރޭ ބަޔާނަކުން، ބުނެލާ ބަހަކުން ނުވަތަ ކުރާ މުޒާހަރާއަކުން އިސްލާހު ކުރެވޭނެ ކަންކަން ކަމުގައި ގަބޫލު ކުރާ ނަމަ އަދި މި މަސައްކަތް ކުރެވެނީ ރަނގަޅަކަށް ނޫނެވެ. އެ ފަދައިން މި މައްސަލަތަކަށް "ފުލް ސްޓޮޕް" އެއް ގެނެވޭ ނަމަ، މިހާރު އެފަދަ މައްސަލަތައް ފެންނަ މިންވަރު މަދުވާން ޖެހޭނެ ނޫން ހެއްޔެވެ.

އަންހެންނުންނަށް ކުރާ އަނިޔާތަކާ ގުޅޭ ގޮތުން ދައުލަތުގެ އެކިއެކި މުއައްސަސާތަކާއި ޔޫއެންގެ އޭޖެންސީތަކުން ހަދާފައިވާ ރިޕޯޓުތަކުން ދައްކާ ގޮތުން ރާއްޖޭގައި އުމުރުން 18 އަހަށާއި 59 އަހަރާ ދެމެދުގެ އުމުރުދުރައިގެ ކޮންމެ 3 މީހަކުން 1 ވާނީ ކޮންމެވެސް އެއްބާވަތެއްގެ އަނިޔާއަކާ ކުރިމަތިލައި ނުވަތަ ތަހަންމަލް ކޮށްފައެވެ. މި ނަތީޖާ މިހެން ދައްކާއިރު މިދިޔަ 2020 ވަނަ އަހަރު ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން 74 ޕަސެންޓަކީ އަންހެނުންނާ ދެކޮޅަށް ހިންގާފައިވާ ގެވެހި އަނިޔާގެ މައްސަލަތަކެވެ.

އަންހެނުންނަށް އަނިޔާ ކުރުން ހުއްޓުވައި، އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި، ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި، ޖެންޑާ އީކުއަލިޓީގެ ގާނޫނު ހަދާފައި އޮތަސް މިފަދަ މައްސަލަތައް ފެންނަލެއް މަދެއް ނޫނެވެ. ގާނޫނުތަކެއް ހެދިފައި އޮތަސް މިފަދަ މައްސަލަތައް ނުހުއްޓިގެން މިއުޅެނީ ކީއްވެ ތޯ އުފެދޭ ބޮޑު ސުވާލު އޮތީއެވެ.

ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދު

އަންހެނުންނަށް ކުރާ އަނިޔާ ދެކޮޅަށް ބައިނަލް އަގްވާމީ ފެންވަރުގައި މިއަދަކީ ފާހަގަ ކުރާ ދުވަހެވެ. އެގޮތުން އަދުގެ މި މުޖުތަމައުގެ ހާލަތު އޮތް ގޮތަށް އިޝާރަތް ކުރައްވަމުން ކުރީގެ ޖެންޑާ މިނިސްޓަރު އަދި ގައުމީ އިނާމާ ބެހޭ ކޮމިޓީގެ ޗެއާޕާސްން އަނީސާ އަހްމަދު "ދަ ޕްރެސް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖޭގައި މިފަދަ މައްސަލަތައް ހުއްޓުވުމަށް ގާނޫނުތަކެއް ހެދިފައި އޮތް ކަމީ އުފާ ކުރައްވާ ކަމެއް ނަމަވެސް އެ ގާނޫނުތަކާ އެއްގޮތަށް ކަންކަން ތަންފީޒު ނުވެގެން ދާ ކަމީ އެންމެ ބޮޑު މައްސަލަ ފެށިގެން އަންނަ ހިސާބު ކަމަށެވެ.

"ކިތަންމެ ވަރަކަށް ގާނޫނު ހެދިދާނެ، އެކަމަކު އެ ގާނޫނުތަކަށް އަމަލު ނުކުރެވޭ ކަމަށް ވަންޏާ އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް. އަނިޔާ ލިބޭ މީހުންނަށް އިންސާފު ނުލިބި އަނިޔާ ކުރާ މީހާގެ އިސްލާހު ކުރުމަށް އެމީހާއަށް އެއްވެސް ފިޔަވަޅެއް ނޭޅި ދާ ކަމަށް ވަންޏާ މީ ނިމުމެއް އޮންނާނެ ކަމެއް ނޫން."
އަނީސާ އަހްމަދު

ގާނޫނުތައް ހެދިފައި ވަނީ ވަކި މަގްސަދެއް ހާސިލް ކުރުމަށް ކަމުގައި ވާތީ، ގާނޫނުތައް ތަންފީޒު ކުރަން ތިބޭ މީހުންގެ ވިސްނުން ވެސް ބަދަލުވެ އެ ގާނޫނުތައް ތަންފީޒު ކުރުމުގައި އެންމެން އެކުގައި މަސައްކަތް ކުރަން ޖެހޭ ކަމަށް އަނީސާ ވިދާޅުވިއެވެ.

އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައި ގިނަ މައްސަލަތަކެކެވެ. މީގެ އަހަރުތަކެއްގެ ކުރިން މިފަދަ މައްސަލަތައް މަދުކަން ފާހަގަވެފައި ވަނީ ގިނަ ބަޔަކު ރިޕޯޓް ނުކޮށް ތިބުމާއި ރިޕޯޓް ކޮށްގެން ވާނެ ފައިދާއެއް ނޯންނާނެ ކަމަށް ގަބޫލު ކުރެވުމާއި ރަނގަޅު ގާނޫނީ އޮނިގަނޑެއްވެސް ނޯންނާތީއެވެ. ނަމަވެސް ގާނޫނުތަކެއް ހެދުމުން އިންސާފު ހޯދުމުގެ ބޭނުމުގައި މިހާރު މީހުން މައްސަލަ ރިޕޯޓް ކުރަމުންދާ އިރު އެ ފަދަ މައްސަލަތައް ފެންނަމުންދާ މިންވަރު އިތުރުވުމަކީ ކަނބޮޑުވާ ހިސާބުގައި އިޖްތިމާއީ މައްސަލަތައް ހުރިކަން ދޭހެ ކޮށްދޭ ކަމެކެވެ.

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ---
"ހެދިފައި ހުރި ގާނޫނުތައް ތަންފީޒު ނުކުރެވޭ ނަމަ ދުވަހެއް ދުވަހެއް ދާނީ މި ފަދަ މައްސަލަތައް އިތުރުވަމުް. އަދި މި ކަމުގެ ސަބަބުން މުޖުތަމައުގައި ހަމަނުޖެހުމާއި ބައިބައިވުން އިތުރުވެ، އާއިލާތައް ރޫޅި އެތައް އިޖްތިމާއީ މައްސަލަތަކެއް ފެންނާނެ. އެހެންކަމުން މިހާރުއްސުރެ ފެށިގެން މި ގާނޫނުތައް ތަންފީޒުކޮށް ދެއްވުމަށް މި ސަރުކާރަށް އަޅުގަނޑު ގޮވާލަން."
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)

އިދިކޮޅު ސިޔާސީ ޕާޓީ ހިންގެވުމުގައި އިސްކޮށް މިހާރު ހަރަކާތްތެރި ވެވަޑައިގަންނަވާ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޠާގެ މައްސަލައިގައި ހައްލެއް ހޯދާ ނަމަ ދެ ކަމެއް ކޮށްގެން މެނުވީ ނަތީޖާއެއް ނުލިބޭނެ ކަމަށެވެ. އެ ގޮތުން އެންމެ މުހިމްމްު އެއް ކަމެއްގެ ގޮތުގައި އަދުރޭ ފާހަގަ ކުރެއްވީ އާންމުން ހޭލުންތެރި ކުރުވުމެވެ. ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވީ މި ފަދަ ކަންކަމަށް ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރުމުގެ ކަންކަން ކުރުން ކަމަށެވެ.

ރާއްޖޭގައި މިހާރު ހާލަތު އޮތް ގޮތަށް ބަލާނަމަ މަހެއްގެ މައްޗަށް ގިނަ މައްސަލަތަކެއް ރިޕޯޓް ކުރަމުންދާ ކަމީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އަދުރޭ ވިދާވިއެވެ. އަންނަން އޮތް ޖީލު ރައްކާތެރި ކުރެވޭނީ ވެސް މިހާރު ގާނޫނުތައް ތަންފީޒު ކޮށްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެންޕީގެ ނައިބު ރައީސް އަބްދުﷲ ރިޔާޒް / ފައިލް ފޮޓޯ: ދަ ޕްރެސް

މަސައްކަތުގެ މާހައުލާއި މުޖުތަމައުގެ ތެރޭގައި އަންހެނުންނަށް ކުރާ ޖިންސީ ފުރައްސާރައާއި ގޯނާ ކުރުމުގެ އަމަލުތައް ހުއްޓުވައި، އެފަދަ މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާމެދު ލަސްނުކޮށް ފިޔަވަޅު އަޅަން އެތައް ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އެގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ ރިޔާޒް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިކަން ހުއްޓުވޭނީ ސަރުކާރުގެ ސިޔާސަތުތައް ބަދަލުކޮށްގެން ކަމަށެވެ.

"ރާއްޖޭގެ ކަލްޗާ އަދި ސޮސައިޓީ އޮންނަ ގޮތުން ގިނަ އަންހެނުންނަކީ ފިރިހެނުންނަށް ޑިޕެންޑްވެގެން އުޅޭ ބައެއް. އެހެންކަމުން އަޅުގަނޑު ދެކޭ ގޮތުގައި އެ ޑިޕެންޑެންސީ ކުޑަ ކުރުވަން ޖެހޭނީ. ހުރިހާ އަންހެނުންނަކީ ވެސް ފުދުންތެރި ބަޔަކަށް ވެގެން މި ކަމަށް ހައްލެއް ހޯދޭނީ."
އަބްދުﷲ ރިޔާޒް

މިފަދަ މައްސަލަތައް ހައްލު ކުރުމަށް ރާއްޖެގައި ހެދިފައި ހުރި ގާނޫނުތައް ތަންފީޒު ނުކުރެވޭ މައްސަލަ ފާހަގަ ކުރައްވަމުން އަބްދުﷲ ރިޔާޒް ވިދާޅުވީ، މި މައްސަލަތަކުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ސަގާފަތާއި މި މުޖުތަމައު ބިނާ ވެފައި އޮތް ގޮތް ކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ގިނަ އަންހެނުންނަކީ ފިރިހެނުންނަށް ބަރޯސާ ވެގެން އުޅޭ ބައެއް ކަމަށާއި ގިނަ ބަޔަކަށް ވިސްނިފައި ވެސް އޮންނަނީ އެގޮތަށް ކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ. އެ ވިސްނުން ބަދަލު ކުރަން ޖެހޭ ކަމަށާއި އަންހެނުން ބާރުވެރި ކުރުވައި ފުދުންތެރި ބަޔަކަށް އަންހެނުން ހެދިއްޖެ ނަމަ މި މައްސަލައިގައި ނަތީޖާ ނެރެވޭލެއް އަވަސްވާނެ ކަމަށް އަބްދުﷲ ރިޔާޒް ވިދާޅުވިއެވެ.

އަންހެނުންނާ މެދުކުރާ ތަފާތު ކުރުންތައް ނައްތާލުމާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ބާރުއަޅާ، އަންހެނުންނަށް ކުރާ އަނިޔާއާ މެދު މުޖުތަމައު ހޭލުންތެރި ކުރުވުމަކީ މިހާރު ވެސް ސަރުކާރުން ކުރަމުން އަންނަ ކަމެއް ކަން ފާހަގަ ކުރެވެއެވެ. އެދެވޭ ނަތީޖާއެއް ނުފެންނަ ކަމީ މި ކަމުގައި ހުރި ކަންބޮޑުވުމެވެ. އަންނަން އޮތް ޖީލު ރައްކާތެރިކޮށް މި ފަދަ މައްސަ ހުއްޓުވުމަށްޓަކައި ހަމައެކަނި ހޭލުންތެރި ކުރުވަން ޖެހެނީ ބޮޑެތި މީހުން ނޫނެވެ.

މި މައްސަލައާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، އަންހެނުންނަށް ކުރާ އަނިޔާ ހުއްޓުވޭނީ އަންހެން ދަރީންނަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ، ހޭލުންތެރި ކުދިންގެ ގޮތުގައި ތަރުބިއްޔަތު ކޮށްގެން ކަމަށެވެ. ހަމައެއާއެކު ފިރިހެން ދަރީންނަކީ އަންހެނުންނަށް އިހްތިރާމު ކުރާ، އޯގާތެރި ކުދީންގެ ގޮތުގައި ތަރުބިއްޔަތު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއްބަޔަކު ދެކޭ ގޮތުގައި އަންހެނުންނަށް ކުރާ އަނިޔާއަކީ ހަމައެކަނި ޖިސްމާނީ ގޮތުން ދެވޭ އަނިޔާތަކެވެ. ރޭޕް ކުރުމާއި ޖިންސީ އަނިޔާ ކުރުމާއި ގޯނާ ކުރުން ފަދަ ކަންކަމެވެ. އަނިޔާ އަކީ ހަމަ އެކަނި ޖިސްމާނީ އަނިޔާއެއް ނޫނެވެ. ނަފްސާަނީ ގޮތުން ދޭ، ދެވޭ އަނީޔާއަކީވެސް އެ ދަރަޖައިގެ ނުރައްކާ އަނިޔާއެވެ. ބްލެކް މެއިލް ކުރުމާއި ބިރު ދެއްކުމާއި ކިޑްނެޕް ކުރުން ފަދަ ކަންކަމަކީ ވެސް މިހާރު މި މުޖުތަމައު ތެރެއިން ގިނައިން ފެންނަމުން އަންނަ އަނިޠާތަކެވެ.

ރޭޕް ކުރުމާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާއެއް / ފައިލް ފޮޓޯ: ދަ ޕްރެސް

މިފަދަ މައްސަލަތައް ހުއްޓުވުމަށް އެއް ބަޔަކު މަސައްކަތް ކުރިއަސް ނުފުދެއެވެ. ބޭނުންވަނީ އެންމެން އެކަތިގަނޑަކަށް ވެގެން މުޖުތަމައުގައި ހުރި މިފަދަ މައްސަލަތައް ހައްލު ކުރުމެވެ. ކޮންމެ މީހަކުވެސް އެމީހަކު އަމިއްލަ ނަފްސަށް އިހްތިރާމް ކުރާ ފަދައިން އަނެކާއަށް އިހްތިރާމް ކުރާ ބަޔަކަށް ވާން ޖެހެއެވެ. މި މުޖުތަމައުއިން ގެއްލިގެންދާ އެއްބައިވަންތަކަމާއި ދިވެހިންގެ މެދުގައި އޮންނަ ލޯތްބާއި ގަދަރު ފޮހެވިޔަ ނުދިނުމަށާއި އަންނަން އޮތް ޖީލަށް ނަމޫނާއަކަށް ވާން ޖެހެއެވެ. އަނިޔާ ލިބޭ އަންހެން މީހާއަކީ ކޮންމެވެސް މީހެއްގެ ދަރިއެއް ނުވަތަ މަންމަ އެކެވެ. ކޮއްކޮ ނުވަަތަ ދައްތައެެކެވެ. ނުވަތަ އަނބިމީހާ އެވެ. އެކަން ދަނެގެން އިހްތިރާމާ އެކު އުޅެން ދަސްކޮށް މިފަދަ ކުށްތައް މަދުކޮށްގެން ނޫނީ ރަނގަޅު ޖީލެއް ބިނާ ކުރެވޭކަށް ނެތެވެ.