ކޮވިޑް-19އަށް ޕޮޒިޓިވްވި ކުރީގެ މަޝްހޫރު ފިލްމީ ތަރި ކަމަލް ހަސަންގެ ހާލު ރަނގަޅު ކަމަށް އޭނާގެ އަންހެން ދަރި އަދި ފިލްމީ ތަރި ޝްރިތީ ހަސަން ބުނެފިއެވެ.

ކަމަލް ހަސަން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިމަހު 22 ވަނަ ދުވަހުއެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން އެނގުނީ އެމެރިކާއަށް ކުރި ދަތުރަކަށް ފަހު އެނބުރި އިންޑިއާއަށް އައިސް، ކޮވިޑްގެ އަލާމާތްތައް ފެނި، ކޮވިޑަށް ޓެސްޓު ކުރުމުންނެވެ.

ސަޕޯޓަރުންނަށް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ކަމަލް ހަސަން އަންގާފައި ވާއިރު އެކަމާ ގުޅިގެން ގިނަ ސަޕޯޓަރުން ވަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ދުއާ ކޮށްފައެވެ.

އަދި އޭނާގެ ހާލު ރަނގަޅުތޯ ގިނަ ސަޕޯޓަރުން ވަނީ ސުވާލު ވެސް ކޮށްފައެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ ކަމަލް ހަސަނުގެ ސަޕޯޓަރުންނަށް އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ޝްރިތީ ބުނީ ބައްޕަގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށެވެ.

އުމުރުން 67 އަހަރުގެ ކަމަލް ހަސަނަކީ ފިލްމީ ތަރިއެއްގެ އިތުރުން ފިލްމު ޑައިރެކްޓުކޮށް، ޕްރޮޑިއުސަރެއް އަދި ހަމައެހެންމެ ޕްލޭބެކް ސިންގާއެއް ވެސް މެއެވެ.