ބޭންކް އޮފް މޯލްޑިވްސް އިން މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފުޅާ ކުރުމަށް ކުރަމުންދާ އިންވެސްޓްމަންޓްގެ ދަށުން އދ. ދަނގެތީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައިފިއެެވެ.
ބީއެމްއެލް އިން ބުނީ، އދ. ދަނގެތީގައި ހުޅުވި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާ ކުރުމާއި، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެ ކަމަށެވެ.
ބީއެމްއެލް ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ޓިމް ސޯޔާ ވިދާޅުވީ، ދަނގެތީގައި ބެހެއްޓުނު އޭޓީއެމް އާއެކު ސެލްފް ސާވިސް ބޭންކިންެ ހިދުމަތް ފުޅާ ކުރެވޭ ކަމީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ. މިއާއެކު ދަނގެތީގެ އިތުރުން އދ. އަތޮޅުގެ ތިން ރަށެއް، ދިގުރަށް، މަހިބަދޫ އަދި މާމިގިލީގައި އޭޓީއެމް ސެންޓަރު މެދުވެރިކޮށް ފަސޭހަކަމާއެކު ބޭންކިން ހިދުމަތް މިހާރު ދަނީ ފޯރުކޮށްދެމުން ކަމަށް ޓިމް ވިދާޅުވިއެވެ.
ދާދި ފަހުން ބޭންކުން ވަނީ އަލަށް ހުޅުވުނު މަހިބަދޫ ބްރާންޗުގައި ސެލްފް ސާވިސް ބޭންކިން ސެންޓަރު އަޕްގްރޭޑްކޮށް ހުޅުވާފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 74 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 135 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ވަނީ ތައާރަފްކޮށްފައެވެ. ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.