ކޮވިޑްގެ ބަލިމަޑުކަމާ އެކު ރާއްޖެއަށް ކުރިމަތިވި ދަތިތަކުގެ ތެރެއިން ފާހަގަ ވެގެން ދިޔަ އެންމެ ބޮޑު އެއް ކަމަކީ މި ގައުމުގެ އިގްތިސޯދު ޓޫރިޒަމަށް ބަރޯސާވެފައި އޮތް މިންވަރޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކޮވިޑްގެ ބިޔަ ރާޅުގެ އޮއެވަރުގައި ރާއްޖެ ބެހިގެން ދިއުމުން ސަލާމަތް ކުރުމަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް ކަސްތޮޅު އަޅުވައި، ދިވެހިންގެ ސިއްހަތު އިސްކުރަން ސަރުކާރަށް މަޖުބޫރުވިއެވެ. އެކަމުގެ ސަބަބުން ޓޫރިޒަމް ސިނާއަތުގައި މިހާތަނަށް ކުރިމަތި ނުވާ ވަރުގެ އަނދިރި ދުވަސްތަކަކާ ކުރިމަތިލާން ޖެހުނެވެ.
ލޮންކްޑައުނެއްގައި ދުވަސްތަކެއް ހޭދަކުރުމަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވަން ސަރުކާރަށް މަޖުބޫރުވިއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ޓޫރިޒަމަށް އައި ލޮޅުމުގައި މުޅި ރާއްޖޭގެ އިގްތިސޯދު ވެއްޓުނީ ފުން އަނދަވަޅަކަށެވެ. އެކަމުން ވިޔަފާރިތަކަށާއި އާންމު ފަރުދުންނަށް ކުރިމަތި ވި ދަތިތަކާއި ގެއްލުންތަކަކީ ވެސް ފޫއްބައްދަން އުނދަގޫ ވާނެ ކަމެއް ކަން ޔަގީނެވެ.
އެހެންކަމުން ޕްލޭން ބަދަލު ކުރަން ޖެހިއްޖެ ކަން ސަރުކާރަށް ވިސްނުނެވެ. ޓޫރިޒަމް އިންޑަސްޓްރީގެ ފުންނާބު އުސް މީހުންނާއެކު މަޝްވަރާގެ ބައްދަލުވުންތައް ބާއްވާ އިތުރަށް ރާއްޖެ ޕްރޮމޯޓް ކޮށް، އާ ފެށުމަކުން ފެށީ ވަރަށް ބޮޑެތި އުންމީދުތަކަކާ އެކީގައެވެ. އިންޑަސްޓްރީ އެކީގައި އެއް އަމާޒަކަށް ދިއުމަށް ނިންމައިގެން ތިބެ އަތުކުރި އޮޅާލައިގެން ފެށި މަސައްކަތުގައި ރަން ކުލަތަކެއް ޖެހެމުން އަންނަން ފެށުމަކީ މި ސަރުކާރުން އިގްތިސޯދު ރަނގަޅު ކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.
އެގޮތުން ރާއްޖެއަށް ވަނީ ފަހުރުވެރިވާ ވަރުގެ ދުނިޔޭގެ ފެންވަރުގެ ވަނަތަކެއް ވެސް ލިބިފައެވެ. ހަމައެއާއެކު ސީއެންއެން އިންޓަނޭޝަނަލް ޓޫރިޒަމް ސަކްސަސް ސްޓޯރީ 2020 އަށް ވެސް ރާއްޖެ ވަނީ ހޮވިފައެވެ.
ވޯލްޑް ޓްރެވަލް އެވޯޑުން ރާއްޖެއަށް ލިބުނު އެވޯޑްތައް:
- އިންޑިއަން އޯޝަން ލީޑިން ބީޗް ޑެސްޓިނޭޝަން 2021
- އިންޑިއަން އޯޝަން ލީޑިން ޑައިވް ޑެސްޓިނޭޝަން 2021
- އިންޑިއަން އޯޝަން ލީޑިން ޑެސްޓިނޭޝަން 2021
- އިންޑިއަން އޯޝަން ލީޑިން ޓޫރިސްޓް ބޯޑް 2021: މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް
މިއަހަރު މިފަދަ އެވޯޑްތަކެއް ހާސިލް ވެފައިވާއިރު ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ދުނިޔޭގައި ރާއްޖެ އިސްތިހާރުކޮށް ގިނަ ފަތުރުވެރިންތަކެއް ގެނައުމަށް ކުރަމުންދާ ބުރަ މަސައްކަތުގެ ނަތީޖާގެ ފޮނި މީރުކަން އަންނަނީ ފެންނަމުންނެވެ. މިއަހަރު ފެށުނު އިރު ޓޫރިޒަމް މިނިސްޓްރީން ރާއްޖެއަށް ޒިޔާރަތްކުރާނެ ފަތުރުވެރިންގެ ޓާގެޓް 1 މިލިއަން ގޮތުގައި ބުނެފައި ވަނިކޮށް އެ ޓާގެޓް ވަނީ ފަހަނައަޅާ ގޮސްފައެވެ. އެ އަދަދު ހަމަވީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެހެންކަމުން މިހާރު މިއަހަރުގެ ޓާގެޓް ވަނީ 1.3 މިލިއަނަށް އަރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ލަފާ ކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ވަނީ 1،092،105 ފަތުރުވެރިން އައިސްފައެވެ. އެހެންކަމުން 1.3 މިލިއަން ހަމަ ކުރުމަށް ބާކީ އޮތީ 207،895 ފަތުރުވެރިންނެވެ.
މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތަފްސީލް:
- ޖެނުއަރީ: 92،103
- ފެބްރުއަރީ: 96،882
- މާޗް: 109،585
- އޭޕްރީލް: 91،200
- މެއި: 64،613
- ޖޫން: 56،166
- ޖުލައި:101،818
- އޮގަސްޓް: 143،599
- ސެޕްޓެމްބަރު: 114،896
- އޮކްޓޯބަރު: 142،226
- ނޮވެމްބަރު 17 ވަނަ ދުވަހާ ހަމައަށް: 79177
މި އަހަރު ތެރޭ ރާއްޖެއަށް އައި ފަތުރުވެރިންނަށް ބަލާ އިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ ގައުމަކީ އިންޑިއާއެވެ. އެ ގައުމުން މި މަހުގެ 17 ވަނަ ދުވަހާ ހަމައަށް 244،928 ފަތުރުވެރިން ވަނީ އައިސްފައެވެ. އެންމެ ގިނަ ފަތުރުވެރިން އައި ދެވަނަ ގައުމަކަށް 198،775 ފަތުރުވެރިންނާ އެކު އޮތީ ރަޝިއާއެވެ. އަދި އެ ލިސްޓުގެ ތިންވަނައިން ޖަރުމަނު ޖާގަ ހޯދާފައި ވަނީ 78،237 ފަތުރުވެރިން އައިސްގެންނެވެ.
ޓޫރިޒަމް ދާއިރާ ފުޅާ ކުރުމަށް ހަމައެކަނި ރާއްޖެ އިސްތިހާރު ކުރުމަކުން ފަރު ޖައްސާލެވޭކަށް ނެތެވެ. ޓޫރިޒަމް ދާއިރާ ކުރި އެރުވެން އޮތީ އެ ދާއިރާގައި މަސައްކަތް ކުރާ ރިސޯޓް މުވައްޒަފުންގެ ޝަކުވާތައް ވެސް އަހައިގެންނެވެ. މި ސަރުކާރު ވެރިކަމަށް އައި އިރު ވެސް ރިސޯޓް މުވައްޒަފުންގެ ގިނަ ޝަކުވާތަކެއް ހުއްޓެވެ. އެކަންކަން ފުރިހަމަ ކޮށްދިނުމަށް މިސަރުކާރު އައީ ގިނަ ވައުދުތަކެއް ވެސް ވެގެންނެވެ. އެ ގޮތުން ރިސޯޓް މުވައްޒަފުންގެ އެންމެ ބޮޑު ޝަކުވާ އެއް އޮތް މައްސަލަ ކަމުގައިވާ ސާވިސް ޗާޖް ގެ މައްސަލައަށް މި ސަރުކާރުން ވަނީ ހައްލެއް ހޯދައިދީފައެވެ. އެއީ 10 ޕަސެންޓް ސާވިސް ޗާޖް ނަގަން ލާޒިމް ކުރުމެވެ.
މީގެ އިތުރުން ވެސް ކޮވިޑްގެ މި ހާލަތުގައި ބަލިން އަރައިގަތުމަށް ރާއްޖޭގައި ކުރިއަށް ދާ ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް ރިސޯޓް މުވައްޒަފުންގެ ތެރެއިން 95 ޕަސެންޓް މުވައްޒަފުން ވަނީ ކޮވިޑް ވެކްސިން ފުރިހަމަ ކޮށްފައެވެ.
ރާއްޖޭގެ އިގްތިސޯދު ކުރި އެރުވުމުގައި ޓޫރިޒަމް ސިނާއަތުގެ ބޮޑު ރޯލެއް އޮތް ކަމަށް މިއަދު އެންމެން ވެސް ގަބޫލު ކުރާނެއެވެ. ޓޫރިޒަމް ސިނާއަތް ރާއްޖޭގައި ފެށިތާ އަންނަ އަހަރު އޮކްޓޯބަރު މަަހަށް 50 އަހަރު ފުރޭ އިރު، އަންނަ އަހަރު އެކީ ޓޫރިޒަމްގެ "ގޯލްޑަން ޖުބްލީ" ގޮތުގައި ކުލަގަދަކޮށް ފާހަގަ ކުރަން ވަނީ ހަމަޖެހިފައެވެ. ގޯލްޑަން ޖުބްލީ ފާޙަގަ ކުރުމަށް މިހާރު ދުވަސް ގުނަމުން އަންނަ އިރު، ޓޫރިޒަމްގެ މި އީދަށް ދެން ބާކީ އޮތީ 42 ދުވަހެވެ.
ޓޫރިޒަމް ދާއިރާ އިތުރަށް ފުޅާ ވެގެން ދިއުމަކީ ވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެ، ރަނގަޅު އާމްދަނީއެއް ލިބޭނެ ދޮރުތައް ހުޅުވެން އޮތް ފުރުސަތެކެވެ. ސަރުކާރުން މި ސިނާއަތަށް ގެންނަމުން ދާ ތަރައްގީ އާއި ކުރަމުންދާ މިންނަތް މަސައްކަތަކީ އުޖާލާ މުސްތަގްބަލެއްގެ ފެށުމެކެވެ. މިއަދު ރާއްޖެ ނިއުނޯމަލް އަކަށް ވާސިލް ވުމުގައި ޓޫރިޒަމް ސިނާއަތުން ވީ ގުރުބާނީ ހަނދާން ނައްތާލައިގެން ނުވާނެއެވެ.