ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ މީހަކު މިއަދު މަރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ، އެމީހާއަކީ ކޮވިޑް ބައްޔަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ ރޭ ދަންވަރު 2:01 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއާއެކު މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ ވަނީ 248 އަށް އަރާފައެވެ.

އަދި މިއީ މި މަހުގެ ތެރޭގައި މަރުވި ހަތަރު ވަނަ މީހާއެވެ. މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 199 މީހަކު މަރުވެފައެވެ.

މިދިޔަ އަހަރުގެ މާޗް 7 ވަނަ ދުވަހު ފުރަތަމަ ފަހަރަށް ރާއްޖެއިން މި ބައްޔަށް މީހަކު ޕޮޒިޓިވް ވެފައިވާ އިރު މިއަދާ ހަމައަށް މި ބަލި ރާއްޖެއިން ފެނުނުތާ މި ވަނީ 620 ދުވަސް ވެފައެވެ.

މި ވޭތުވެ ދިޔަ 19 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ.