ބަނަހަކަށް އެލާޖިކް ވެގެން ބޮޑުވަރުވި، މާލެއަށް އުފަން، އުމުރުން 30 އަހަރުގެ، މަރިޔަމް ޒައީމާ މޫސާ (މަރީ) އަށް އައިޖީއެމްއެޗުން ފަރުވާ ދިން އިރު އެ ހޮސްޕިޓަލުން އިހުމާލުވެފައި ވާ ކަން ހާމަވެއްޖެއެވެ.

އައިޖީއެމްއެޗް އީއާރުން ފަރުވާ ދެނިކޮށް ހިތުގެ ހިނގުމަށް ބަދަލު އައިސް، ސިކުނޑިއަށް ގެއްލުން ލިބުނު މަރީގެ ކޭސް އާ ގުޅިގެން އާއިލާއަށް އައިޖީއެމްއެޗުން ފޮނުވި ސިޓީގައި ބުނެފައި ވަނީ، އިންޖެކްޝަން އެވިލް ޖެހުމުން "އުނދަގޫތަކެއް" ވާ ކަމަށް ނަރުހުން ގާތު ޕޭޝަންޓް ބުނި ކަމަށެވެ. އަދި އެހެންކަމުން އެވިލްއަށް ޕޭޝަންޓް އެލާޖިކް ކަމަށް ނިންމި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

"ވަރަށް ގިނަ ފަހަރަށް ބޭހަކަށް ނުވަތަ އިންޖެކްޝަނެއް ޖެހުމުން އުނދަގޫވާކަމަށް ޕޭޝަންޓުން ބުނަނީ އެ ބޭހަކަށް އެލާޖިކް ވުމުގެ މާނައިގައި ކަމުންނާއި، މި ޕޭޝަންޓަކީ އެލާޖިކް ރިއެކްޝަންގެ ހިސްޓްރީ އެއް އޮތް ޕޭޝަންޓަކަށް ވުމުން ނަރުހުންނާއި ޑޮކްޓަރުންނަށް، ޕޭޝަންޓް އެވިލް އަށް އެލާޖިކް ކަމަށް ވިސްނުނު."
އައިޖީއެމްއެޗް

ޕޭޝަންޓް ނޭވާލާން އުނދަގޫވެ ކަރުގައި ހިފަހައްޓައިގެން އިނުމާއި ރެސްޕިރޭޓަރީ ރޭޓް މައްޗަށް ދިއުން ފަދަ އަލާމާތްތައް ފެންނަމުން ދިޔަ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އެއީ އެނަފައިލެކްސިސް އަށް ވެ، ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށް ޑޮކްޓަރުންނަށް ގަބޫލު ކުރެވުމުން އެޑްރިނަލިން އިންޖެކްޝަން ދޭން ނިންމި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އެ އިންޖެކްޝަން ނުދީ ލަސްކޮށްފި ނަމަ އެނަފިލެކްޓިކް ޝޮކަށް ޕޭޝަންޓް ގޮސް ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ގަބޫލު ކުރެވިގެން އެ އިންޖެކްޝަން ވަނީ މަރީއަށް ދީފައި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އިންޖެކްޝަން ޖެހުނީ ނުބައިކޮށް، މިކަން ހިނގައިގެން ނުވާނެކަން ގަބޫލުކުރަން: އައިޖީއެމްއެޗް

އެނަފައިލެކްސިސްގައި އެޑްރިނަލިން ދިނުމަށް އޮންނަ އާއްމު އުސޫލަކީ މަސްގަނޑަށް ޖެހުން ނުވަތަ އައިއެމްކޮށް މި އިންޖެކްޝަން ދިނުމެވެ. އަދި މި އިންޖެކްޝަން ކަނޑައެޅިފައިވާ މިންވަރަށް ޑައިލިއުޓް ކޮށްގެން ސްލޯ އިންފިއުޝަން އެއްގެ ގޮތަށް އިންޓްރާ-ވީނަސް ކޮށް ނުވަތަ އައިވީކޮށް ވެސް އެނަފައިލެކްސިސްގައި ދެވިދާނެ ކަމަށް ވެސް މެޑިކަލް ލިޓްރެޗާގައި ލިޔެފައި ވުމުގެ އިތުރުން އަދި ދާއިރާގެ ޑޮކްޓަރުން ވިދާޅުވާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

އައިޖީއެމްއެޗުން އާއިލާއަށް ދިން ސިޓީ

ނަމަވެސް ޕޭޝަންޓަށް އެޑްރެނަލިން ދީފައި ވަނީ ޑައިލިއުޓް ނުކޮށް، ސްލޯ އިންފިއުޝަން އެއް ގޮތަށް ނޫން ކަމާއި އައިވީކޮށް ކަމަށް ލިޔެކިޔުންތަކުން ފެންނަން އެބަހުރި ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މިކަން މިގޮތަށް ހިނގާފައި ވަނީ ގަސްދުގައި ނޫން ކަމަށާއި، ނަމަވެސް މިހެން މިކަން ދިމާވެފައި ވަނީ އެނަފައިލެކްސިސްގައި އާއްމުކޮށް އައިއެމްކޮށް ޖަހާ އިންޖެކްޝަނެއް އައިވީކޮށް ޖަހަން ލިޔުނު އިރު އޭގެ ތަފްސީލީ އިރުޝާދު ދީފައި ނެތުމުން ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. އަދި އެވަގުތު ޕޭޝަންޓަށް އަވަސް ފަރުވާ ބޭނުން ވާތީ ޕޭޝަންޓުގެ ފުރާނައަށް ގެއްލުން ވެދާނެކަމަށް ބަލައި ޑޮކްޓަރުން މަސައްކަތް ކޮށްފައި ވަނީ ހެޔޮ ނިޔަތުގައި ކަމުގައިވީ ނަމަވެސް މިގޮތަށް މިކަން ހިނގައިގެން ނުވާނެކަން ގަބޫލުކުރާ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

މީގެ އިތުރުން ޕޭޝަންޓުގެ ހިތުގެ ހިނގުމަށް ބަދަލު އައިސް ހިތް ހުއްޓެން މެދުވެރިވީ ޕޭޝަންޓުގެ އެނަފައިލެކްސިސްގެ ހާލަތު އެވަގުތު ހުރި ގޮތުން ކަމަށް ބެލެވޭ ކަމަށާއި އެޑްރިނަލިންގެ ސަބަބުން ވީ ކަމެއް ކަމަށް ބުނުމަކީ ދަތި ކަމެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ނަމަވެސް ޑައިލިއުޓް ނުކޮށް، ސްލޯ އިންފިއުޝަން ނޫން ގޮތަށް އައިވީކޮށް އެޑްރިނަލިން ދިނުމަކީ ހިތުގެ ހިނގުމަށް ބަދަލު އައިސް ހިތް ހުއްޓުމުގެ ފުރުސަތު އޮތް ކަމެއް ކަމުގައި އެ ހޮސްޕިޓަލުން ބުނެއެވެ.

އެޑްރެނަލިން އިންޖެކްޝަން ޖެހިތާ 2 މިނެޓް ތެރޭ މަރީގެ ހިތް ހުއްޓުނު!

މަރީ ގާތުގައި އެހީތެރިޔަކަށް ހުރި، އޭނާގެ ކޮއްކޮ އައިޝަތު ޒައީމާ (އައިޝާ)، 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، މަރީއަކީ ވަރަށް ގިނައިން އެލާޖިކްވެ ފަރުވާ ދީފައިވާ މީހެއް ކަމަށެވެ. އެލާޖިކް ވެގެން ގައި ކަހާތީ ދާ ކޮންމެ ފަހަރަކު ވެސް ހޮސްޕިޓަލުން އޭނާގެ ގަޔަށް އެޑްރެނަލިން އިންޖެކްޝަން ޖަހާ ކަމަށް ބުންޏެވެ. މީގެ ކުރިން ކޮންމެ ފަހަރަކު ވެސް އެ އިންޖެކްޝަން ޖަހަނީ ގައިގެ މަސްގަނޑަށް ކަމަށާއި ނަމަވެސް ބަނަހަށް އެލާޖިކް ވެގެން ދިޔަ ފަހަރު އައިޖީއެމްއެޗުން އެ އިންޖެކްޝަން ޖެހީ އެ އިންޖެކްޝަން ޖަހަން ޖެހޭ އުސޫލަށް ނޫން ކަމަށް ވެސް އައިޝާ ބުނެއެވެ.

މީގެ ކުރިން އިންޖެކްޝަން ޖެހުމުގައި މައްސަލަތަކެއް ދިމާވި ކަމުގެ މައުލޫމާތު މީޑިއާއަށް ހިއްސާ ނުކުރި ސަބަބު ހާމަ ކުރަމުން އައިޝާ ބުނީ، މަރީއާއި އޭނާގެ މަންމަ މި ވަގުތު ވެސް އޮތީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި ކަމަށެވެ. މަންމަ އަކީ ވެސް އަބަދުވެސް ބަލިވެގެން އައިޖީއެމްއެޗުން ފަރުވާ ހޯދާ މީހެއް ކަމުން މަރީއަށް އެ ހޮސްޕިޓަލުން ނުބައި އިންޖެކްޝަނެއް ޖެހިކަން އެނގިއްޖެ ނަމަ މަންމައަށް އެކަމުން ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށް އައިޝާ ބުނެއެވެ. އަދި އެމީހުންގެ މާލީ ހާލަތު ހުރި ގޮތުން މި ވަގުތު ފައިސާ ދައްކައިގެން ސިއްހީ ފަރުވާ ހޯދުމަކީ ދަތިކަމެއް ކަމަށް ވެސް އޭނާ ބުނެއެވެ.

މަރިޔަމް ޒައީމާ އަށް ފަރުވާ ދިނުމަށްފަހު އައިޖީއެމްއެޗުން ދީފައިވާ ބައެއް ލިއުންތައް

އައިޖީއެމްއެޗުން ވަނީ މި ކަމާ ގުޅިގެން މަރީގެ ހާލު ގޯސްވި ގޮތް ބެލުމަށް ތަހުގީގެއް ހިންގާފައެވެ. އެ ތަހުގީގު ހިންގި އިރު ވެސް އެފަދަ ކަމެއް ވެގެން މަރީގެ ހާލު ސީރިއަސްވީ ކަމަށް ހޮސްޕިޓަލުން އާއިލާއަށް ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް ފަހުން އާއިލާއިން ޝަކުވާ ކޮށްގެން އެ ކަމާ ގުޅޭ މައުލޫމާތު ލިބުނު ކަމަށާއި އެ ހޮސްޕިޓަލުން އާއިލާއަށް ލިޔުމެއް ވެސް ހަވާލު ކުރި ކަމަށް އައިޝާ ބުނެއެވެ.

ފިސިއޮތެރަޕީ ހަދަން ރާއްޖެ ދިއުމަށް ވުރެ ބޭނުމީ އިންޑިއާ އިން ފަރުވާ ހޯދަން!

މަރީގެ ހާލަތު މިހާރު ހުރި ގޮތް ކިޔައިދެމުން އައިޝާ ބުނީ މިހާރު އޮކްސިޖަން ތެރަޕީ ނިމިފައިވާ ކަމަށާއި ފިޒިއޮތެރަޕީ ފަށަން ޖެހިފައިވާ ކަމަށެވެ. ދާދި ފަހުން ވެސް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މަރީ ވަނީ ވަރަށް ބޮޑަށް އިންފެކްޝަން ވެގެން އައިސީޔޫގައި ފަރުވާ ހޯދާފައި ކަމަށް އައިޝާ ބުނެއެވެ. އަދި އެ ހޮސްޕިޓަލުން ވަނީ އިންފެކްޝަންވެ ބޮޑުވަރުވާ ނަމަ މަރީގެ ހާލު ގޯސްވެދާނެ ކަމަށް ވެސް ބުނެފައެވެ. އެހެންކަމުން ހައްލަކީ ޕްރައިވެޓް ހޮސްޕިޓަލަކަށް ބަދަލު ކުރުން ކަމަށާއި އެކަމުގައި ފައިސާގެ އެހީ ނެތި ކުރިއަށް ދެވެން ނެތް ކަމަށް އޭނާ ބުނެއެވެ.

އާސަންދައިން 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ބުނީ، އާސަންދައިގެ ދަށުން ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ދާ މީހުންނަށް އެ ހޮސްޕިޓަލްތަކުން ރިކޮމެންޑް ކުރާ ބައެއް ފަރުވާ ތަކަކީ ރާއްޖެއިން ދެވޭ ފަރުވާ ތަކެއް ނަމަ ރާއްޖެއިން އެ ފަރުވާ ހޯދުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން މިހާތަނަށް އައި އިރު މަރީގެ ފަރުވާތަކަށް އާސަންދައިން އަދި ރިޖެކްޓް ކޮށްފައި ނުވާނެ ކަމަށާއި ނަމަވެސް ފިޒިއޮތެރަޕީ ހެދުމަށް ޕްލޭނެއް ހަދައި ރާއްޖެއަށް އައިސް ފަރުވާ ހޯދުމަށް ލަފާ ދީފައި ވާނެ ކަމަށް އާސަންދައިން ބުނެއެވެ.

މަރިޔަމް ޒައީމާ އަށް ފަރުވާ ދިން އަމްރިތާ ހޮސްޕިޓަލުން ދީފައިވާ ބައެއް ލިއުންތައް

އާސަންދައިން ވަނީ މަރީގެ ފިޒިއޮތެރަޕީ ފަރުވާ ކުރުމަށް ޕްލޭނެއް ހަދައި މާލެއިން އެ ފަރުވާ ހޯދުމަށް އެދިފައި ކަމަށް ވެސް އައިޝާ ފާހަގަ ކުރެއެވެ. މިހާރު މަރީ އޮތް ހާލަތަށް ބަލާއިރު އެނދުމަތީގައި އޮންނަ ޖެހޭ ކަމަށާއި ކާން ދެނީވެސް ހޮޅިއަކުން ކަމުން މާލެއަށް ގެނެސް ގޭގައި މަރީ ބާއްވައިގެން އުޅުމަކީ ދަތި ކަމެއްގެ ގޮތުގައި އައިޝާ ބުނެއެވެ. މާލޭގައި އެމީހުން ދިރިއުޅޭ ތަނަކީ ތަނަވަސް ތަނެއް ނޫން ކަމުން އެކަމުގައި ދަރިތަކެއް ހުރުމާއި އަދި އައިޖީއެމްއެޗުން މަރީއަށް ފަރުވާ ދިނުމުގައި އިހުމާލުވެފައި އޮތުމަކީ ވެސް އެ އާއިލާ ޖެހިލުންވާ ސަބަބެއް ކަމުގައި އައިޝާ ބުނެއެވެ.

އައިޖީއެމްޗެއްގެ ފިޒިއޮތެރަޕީ ހިދުމަތް މީގެ ކުރިން އޭނާގެ މަންމަ ވެސް ހޯދާފައިވާ އިރު އެ ޑިޕާޓްމަންޓުން ވެސް ހިދުމަތް ދިނުމުގައި ފަރުވާ ކުޑަކަން ފާހަގަ ކުރެވިފައިވާ ކަމަށް އައިޝާ ބުނެއެވެ. އެ ގޮތުން ގަވާއިދުން ފިޒިއޮތެރަޕީ ނުދެވުމާއި ލަސްތަކެއް އުޅޭތީ އެފަދަ ހިތްހަމަނުޖެހުންތައް ވެސް އެބަހުރި ކަމަށް އައިޝާ ބުނެއެވެ.

މަރީ އޭނާގެ 9 އަހަރުގެ ދަރިފުޅާ އެކު

މި ވަގުތު މަރީގެ ފަރުވާއަށް އެންސްޕާއަށް ވެސް ލައިގެން އުޅޭ ކަމަށާއި އަދި ޖަވާބެއް ނުލިބޭ ކަމަށް އައިޝާ ބުނެއެވެ. އަދި މިހާރު ޒަކާތު ފަންޑުން ވެސް އެހީ ހޯދުމަށް ލިޔެކިޔުންތައް ހުށަހެޅުމަށް ތައްޔާރު ވަމުން ދާ ކަމަށް އޭނާ ބުނެއެވެ. މަރީއަށް އައިޖީއެމްއެޗްގެ އިހުމާލެއް އޮވެގެން މި ހާލަތަށް އޭނާގެ ސިއްހީ ހާލަތު ދިއުމުން އެ ހޮސްޕިޓަލުން ޒިންމާ ނަގަން ޖެހޭނެ ކަމަށް ވެސް އާއިލާއިން ބުނެއެވެ. އަދި މަރީގެ ފަރުވާ އަވަސް ކުރުމަށް އަމްރިތާގެ ޑޮކްޓަރުން ލަފާ ދޭ އިރު އަވަހަށް ފަރުވާ ހޯދުމަކީ އޭނާގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެން އޮތް ކަމެއްގެ ގޮތުގައި ވެސް ޑޮކްޓަރުން ވަނީ ފާހަގަ ކޮށްފައެވެ.

9 އަހަރުގެ އަންހެން ކުއްޖަކު ހުންނަ މަރީ އަކީ އެކަނިވެރި މައެއް ވެސް މެއެވެ. މި ވަގުތު މަރީގެ ހުރިހާ ކަމެއް ބަލަހައްޓަމުން ދަނީ އޭނާގެ އާއިލާއިންނެވެ. މަރީއަށް އަވަސް ޝިފާއެއް ލިބުމަކީ އެ އާއިލާގެ ވަރަށް ބޮޑު އުންމީދެކެވެ. މަރީއަށް ފަރުވާ ހޯދުމުގައި މިހާ ހިސާބަށް ވެސް އާދެވިފައި ވަނީ އެތައް ބައެއްގެ ދީލަތި އެހީތެރިކަމާ އެކުގައި ކަން އާއިލާއިން ފާހަގަ ކުރެއެވެ. އަދި މަރީއަށް ހެޔޮދުއާ ކޮށްދޭ ފަރާތްތަކަށް ވެސް އާއިލާއިން ވަރަށް ހާއްސަ ޝުކުރެއް ވަނީ އަދާކޮށްފައެވެ.

އަދިވެސް މަރީގެ ފަރުވާ އަށް ދީލަތި އެހީ އާއި ހެޔޮ ދުއާ ބޭނުންވާ ކަމަށް އާއިލާއިން ބުނެއެވެ. މަރީއަށް އެހީވުމަށް ބޭނުންވާ ފަރާތްތައް މަރީގެ ކޮއްކޮ އާއިޝަތު ޒައީމާ 7788714 (ވަޓްސް އަޕް) އަދި މަރީގެ ބޭބެ އަހްމަދު ޒައީމް 7860086 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެއެވެ.

'ދަ ޕްރެސް' ގެ ދުއާއަކީ މާތް ﷲ މަރިޔަމް ޒައީމާއަށް އަވަސް ޝިފާއެއް މިންވަރު ކުރައްވައި އެ އާއިލާއަށް ކެތްތެރިކަން ދެއްވުމެވެ. އަދި އަހަރެމެން ދިވެހިންނަކީ އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލެއްވުމަށެވެ.