ކޮވިޑާ ގުޅިގެން މިއަދު މޮނިޓަރިން އަށް ލީ 7 ރަށާ އެކު ޖުމްލަ އަދަދު 31 އަށް އަރާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް ކޭސް ފެނިގެން މިއަދު މޮނިޓަރިން އަށް ލާފައި ވަނީ ރ. އަލިފުށި، ދ. މާއެނބޫދޫ، ފ. ބިލެއްދޫ، ގއ. މާމެންދޫ އާއި ގދ. ފަރެސްމާތޮޑާގެ އިތުރުން ނ. ކުޑަފަރި އާއި ނ. ވެލިދޫ ކަމަށެވެ.

މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި 7 ރަށަކާ އެކު ޖުމްލަ އަދަދު 31 އަށް އަރާފައި ވާއިރު މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތް އެންމެ ގިނަ ދުވަސްވީ ރަށްތަކަކީ ސ. ހިތަދޫ، ސ. މަރަދޫ، ސ. މަރަދޫ ފޭދޫ އަދި ސ. ފޭދޫއެވެ. މި ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި ދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ.

މި ލިސްޓްގައި މި ދިޔަ ސެޕްޓެމްބަރު މަހު މޮނިޓަރިންގެ ހާލަތަށް ގެެނެސްފައި ވާ ދެ ރަށެއް އެބައޮތެވެ. އެއީ ސ. ހުޅުމީދޫ އާއި ފ. ނިލަންދޫއެވެ.

މިދިޔަ އޮކްޓޯބަރު މަހު މޮނިޓަރިންގެ ހާލަތަށް ގެނައި ރަށްތަކުގެ ތެރެއިން މިހާރުވެސް 10 ރަށެއް މޮނިޓަރިންގައި އެބައޮތެވެ. އެއީ ލ. ގަން، ބ. ގޮއިދޫ، ނ. ހޮޅުދޫ، މ. މުލަށް، ނ. ކެނދިކުޅުދޫ، ކ. ގުރައިދޫ، ށ. ފުނަދޫ، މ. ދިއްގަރު، ނ. މިލަދޫ އަދި ކ. ހުރައެެވެ.

މިއަދު މޮނިޓަރިންގެ ހާލަތަށް ގެނައި 7 ރަށުގެ އިތުރުން މިމަހު މޮނިޓަރިންގެ ހާލަތަށް ގެނައި 8 ރަށެއް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. އެއީ މ. މުލި، ށ. ގޮއިދޫ، ބ. ހިތާދޫ، ތ. ތިމަރަފުށި، ރ. މަޑުއްވަރީ، ރ. މީދޫ، ރ. އިންނަމާދޫ އަދި ގދ. ކަނޑުހުޅުދޫއެވެ،