އުމުރުން 66 އަހަރުގެ މުހައްމަދު ޝަރީފް (ފިރިމަންސް ޝަރީފް) ލިވާ ޓްރާންސްޕްލާންޓް ކުރުމަށް ކުރި އޮޕަރޭޝަން އަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށް އާއިލާއިން ބުނެފިއެވެ.

މުހައްމަދު ޝަރީފްގެ ލިވާ ޓްރާންސްޕްލާންޓް ކުރަން ޖެހުމުން އޭނާއަށް ލިވާ ހަދިޔާ ކުރީ އޭނާގެ ފިރިހެން ދަރިފުޅު ރިއްފަތު ޝަރީފެއެވެ. އަމްރިތާ ހޮސްޕިޓަލުގައި ސާޖަރީކޮށް ރިއްފަތުގެ ލިވާގެ 60 ޕަސެންޓް ނަގައި އޭނާގެ ބައްޕަގެ ހަށިގަނޑަށް ވަނީ ލައްވާފައެވެ.

"ގަދަވެ ސަލާމަތުން ހުރި ޒުވާނެއް ބައްޕައަށްޓަކައި ހާދަ ބޮޑު ވޭނެއް، ހާދަ ބޮޑު ގުރުބާނީއެކޭ އެވީ، މިއަދު އޭނަ ދައްކައިފި އެއީ ވަރަށް ހިތްވަރުގަދަ ދަރިއެއް ކަން، އަހަރެމެން އެންމެން ވެސް ފަހުރުވެރިވޭ"
އިފާޝާ ޝަރީފް

އޮޕަރޭޝަނަށް ފަހު ރިއްފަތު އައިސީޔޫގައި އޮތް އިރު އޭރު އޭނާގެ ބައްޕަ އޮތީ ވެންޓިލޭޓަރުގައެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފިރިމަންސް ޝަރީފްގެ އަންހެން ދަރިފުޅު އިފާޝާ ޝަރީފް ބުނީ، މިހާރު ބައްޕަ ވަނީ ވެންޓިލޭޓަރުން ނަގާފައި ކަމަށާއި ބޭބެގެ ހާލު ވެސް ރަނގަޅު ކަމަށެވެ. ޑޮކްޓަރުންނާ ހަވާލާދީ އިފާޝާ ބުނީ ބައްޕަގެ ސާޖަރީއަށް ފަހު މިހާރު ލިވާ ބަރާބަރަށް މަސައްކަތް ކުރާ ކަމަށާއި ރިއްފަތުގެ ލިވާއިން 60 ޕަސެންޓް ނެގި ނަމަވެސް އޭނާގެ ލިވާ ވެސް ބަރާބަރަށް މަސައްކަތް ކުރާ ކަަމަށެވެ.

https://www.facebook.com/iffisha/posts/10224899765548934

އޮޕަރޭޝަންއަށް ފަހު ރިއްފަތު ފުރަތަމަ ވެސް އެހީ ބައްޕަގެ ހާލު ކަމަށާއި، ބޭބެގެ ހިއްވަރަށް ސާބަސް ހައްގު ކަމަށް އިފާޝާ ބުނެއެވެ.

މި އޮޕަރޭޝަންއާ ގުޅިގެން ހެޔޮ ދުއާ ކޮށްދިން ހުރިހާ ފަރާތްތަކަށް އާއިލާގެ ނަމުގައި އިފާޝާ ހާއްސަ ޝުކުރެއް އަދާކުރިއެވެ. އަދި ބޭބެއާއި ބައްޕަ އަވަހަށް ރަނގަޅު ވެ އަނބުރާ މާލެއަށް އައުމަކީ އާއިލާގެ އުއްމީދެވެ.

އަމްރިތާ ހޮސްޕިޓަލުގައި މި އޮޕަރޭޝަން ކުރީ މި މަހުގެ 12 ވަނަ ދުވަހުއެވެ.