އުތުރު ތިލަފަޅުގެ މައްސަލައާ ގުޅިގެން ސަރުކާރުން ކަންކަން ފޮރުވައިގެން ކުރަން ނޫޅޭކަން ބުނެދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާލުވެއްޖެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ އިދިކޮޅުން ކުރަމުން އަންނަ މުޒާހަރާތަކުގައި އުތުރު ތިލަފަޅު އެއްބަސްވުމަކީ ރާއްޖޭގެ ސަލަމާތަށް އޮތް ނުރައްކަލެއް ކަމަށް ބުނަމުން ދިއުމުން އެކަމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދާތީއެވެ. ޕީޕީއެމުން އިއްޔެ ކުރި މުޒާހަރާއާ އެކު މި މައްސަލައިގެ ވާހަކަތައް ވަނީ ބޭރުގެ ބައެއް މީޑިއަތާކުގައި ވެސް ގެނެސްދީފައެވެ.
ހަސަން ލަތީފް ވިދާޅުވީ، ޔޫޓީއެފް އެއްބަސްވުމުގައިވާ ކަންކަމުގެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ދިނުމަކީ ބޭނުންތެރި ކަމެކެވެ. ފޮރުވައިގެން ސިއްރުން ކަންކަން ކުރަން ނޫޅޭކަމާއި، އިންޑިއާގެ އެހީތެރިކަން ސަރުކާރުން ހޯދާ ގޮތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ސާފުކޮށް ދިނުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ހަސަން ލަތީފް ސިފަ ކުރެއްވިއެވެ.
އުތުރު ތިލަފަޅުގައި އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ހާއްސަ ބަނދަރެއް ހަދަން އިންޑިއާ ސަރުކާރާ އެކު ވީ އެއްބަސްވުމާ ގުޅިގެން ރާއްޖޭގެ ސަލާމަތަށް ނުރައްކާ އޮތް ކަމަށް ބުނެ އިދިކޮޅުން ވަނީ އެ އެގްރީމަންޓް ދެއްކުމަށް މީގެ ކުރިންވެސް ގޮވާލާފައެވެ. ނަމަވެސް އޭރު ސަރުކާރުން އެގްރީމަންޓް ނުދެއްކުމުން އިންފޮމޭޝަން ކޮމިޝަނަރު މެދުވެރިކޮށް މައުލޫމާތު ސާފު ކުރަން މަސައްކަތް ކުރުމުން ވެސް އެމްއެންޑީއެފުން ވަނީ އެ މައުލޫމާތު ހިއްސާ ކުރަން އުޒުރުވެރި ވެފައެވެ.
އުތުރު ތިލަފަޅުގެ އެގްރީމަންޓްގެ މައްސަލަ ބޮޑުވެފައި އޮއްވާ މިދިޔަ މަހުގެ ފަހުކޮޅު ވަނީ އެ އެއްބަސްވުމާ ގުޅޭގޮތުން އެމްއެންޑީއެފް މަޖިލީހުގެ 241 ކޮމިޓީއަށް ހާޒިރުކޮށްފައެވެ. އެ ބައްދަލުވުމުގައި އެމްއެންޑީއެފުން ހުށަހެޅި ޕްރެޒެންޓޭޝަނުގައި، ޔޫޓީއެފް އެއްބަސްވުމުގެ އަސްލަކީ ޔާމީނުގެ ވެރިކަމުގައި 2016 ގައި ސޮއިކުރި އެކްޝަން ޕްލޭން ކަމަށް ވިޔަސް، އެއްބަސްވުމުގެ ޝަރުތުތައް އޮތީ އެ ސަރުކާރުން ކަނޑައެޅި ގޮތަކަށް ނޫން ކަމަށް ބުނެފައި ވެއެވެ.
އެ މަޝްރޫއު ކުރިއަށް ގެންދަން، ޓާމްސް އޮފް ރިފަރެންސް ހޯދަން އިންޑިއާއިން އެދުމުން، 2017 ވަނަ އަަހަރު ރާއްޖޭން ހުށަހެޅި ޓާމްސް އޮފް ރިފަރެންސް 2019 ވަނަ އަހަރު އަލުން މުރާޖައާ ކޮށްފައިވާ ކަމަށް ވެސް އެމްއެންޑީއެފްގެ ޕްރެޒެންޓޭޝަނުގައި ބުނެއެވެ. އެއްބަސްވުމުގެ ޓާމްސް އޮފް ރިފަރެންސް އަލުން ބެލީ އިންޑިއާގެ ވަފުދެއް 2019 ވަނަ އަހަރު ރާއްޖެއަށް ކުރި ދަތުރެއްގައެވެ.
241 ކޮމިޓީން ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޔޫޓީއެފް އެއްބަސްްވުމާ ބެހޭ މައުލޫމާތުތަކެއް ދެއްކި ނަމަވެސް މުޅި އެއްބަސްވުމެއް ނުދައްކައެވެ. ނަމަވެސް އެ ބައްދަލުވުމަށް ފަހު އެ ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްްމަދު އަސްލަމް ވިދާޅުވެފައި ވަނީ އުތުރު ތިލަފަޅުގެ އެއްބަސްވުމަކީ ގައުމީ ސަލާމަތަށް މުހިއްމު އެއްބަސްވުމެއް ކަމަށެވެ.
ރާއްޖޭގެ މިނިވަން ކަމަށް ބުރޫ އަރާނެ އުސޫލުން އެމްޑީޕީން ސިފައިންނަށާއި ފުލުހުންނަށް ބިރު ދައްކަން ވެގެން އުތުރު ތިލަފަޅުގައި އިންޑިއާގެ މިލިޓަރީ ބޭހެއް ގާއިމް ކުރުން އެއީއޭގެ ސަބަބުން މިރާއްޖެ އިސްތިއުމާރީ ބާރެއްގެ ދަށަށް ގޮސްފައިވާ ކަމެކޭ މިހުރިހާ ރިޒަންސް ތަކަކީ އެއީ މިސަރުކާރަކީ އެއީ ދެއުއިޅި އެއްނުވާ ސަރުކާރަކަށް ވާތީވެއޭ