މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށްދޭނެ ބަޔަކު ހޯދަން މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލްގެ ފަރާތުން، މާލޭގެ މިސްކިތްތައް މަރާމާތުކޮށް އާބާތުރަ ފިލުވުމުގެ މަޝްރޫއުގެ ދަށުން، މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ބޭނުންވާތީ، އެ މަސައްކަތް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

މިގޮތުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށާއި އަގު ހުށަހެޅުމަށް އަންގާފައިވާ ދުވަސްތަކުގައި މާލޭ ސިޓީކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނުން މައުލޫމާތު ސާފުކުރުމަށް ފަހު ބިޑްހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނީ ބީލަމުގައި ރަޖިސްޓަރީ ކުރުމާއި މައުލޫމާތު ސާފުކުރުން މިމަހުގެ 17 ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އަދި އަގު ހުށަހެޅުން މިމަހުގެ 23 ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެއެވެ.

ބީލަމުގައި ރަޖިސްޓްރީވެވޭނެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 17 ވަނަ ދުވަހުގެ 09:00 ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. އަދި ރަޖިސްޓްރީ ކުރަން ދީފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލޭގެ މިސްކިތްތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް އިއުލާންކޮށްފައި ވާއިރު މިސްކިތްތަކުގެ ހުރުމަތް ކެނޑުމަށް ހިންގާ ތަފާތު ކަންކަން ރިޕޯޓްކުރާ މިންވަރު ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ.