ހުޅުމާލޭ ޢާޒީ ސްކޫލް ކައިރީގައި ހުންނަ ފުލެޓެއްގައި ގޭސް ފުޅިއެއް ގޮވައިފިއެވެ.

އެމްއެންޑީއެފް ބުނީ 0584 ފްލެޓްގެ ގެ ގްރައުންޑްފުލޯގައި ގޭސް އެކްސްޕްލޯޝަނެއް ހިގައިގެން އެމްއެންޑީއެފް ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާ ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 18:46 އެހާކަންހާއިރު ކަމަށާއި ހާދިސާ ހިނގަން މެދުވެރިވީ ގޭސް އުނދުނަށް ގުޅާފައި ހުރި ގޭސް ހޮޅީގެ ބުޑުން ގޭސް ލީކުވެފައިވަނިކޮށް އުނދުން ރޯކުރަން އުޅުމުން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާގައި އުނދުން ރޯކުރަން އުޅުނު ކުއްޖާގެ ހެދުމުގެ އަތްކުރި އަނދައިގެން ދިއުން ފިޔަވައި އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މިއަދުގެ އަލިފާނުގެ 3 ހާދިސާވެސް ހިނގާފައިވަނީ ހުޅުމާލޭގައެވެ. މިއަދުގެ ފުރަތަމަ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުކުރު ވަގުތެވެ. އެއީ ހިޔާގެ 13 ވަނަ ޓަވަރުގެ ތިރީގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެ ހިނގި ހާދިސާއެކެވެ. އޭގެ ފަހުން މިއަދު ހަވީރުގެ ވަގުތެއްގައި ވަނީ ހުޅުމާލޭ ރޯ ހައުސް 1501 ގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. މި ދެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވެފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.