ދެ ކުޑަކުދިންނާއެކު މަހަށް ނުކުމެ އުޅުނު ޑިންގީއެއް ބަންޑުން ޖަހާލައިފިއެވެ.

ހދ. ނޮޅިވަރަމާއި ހދ. ނޮޅިވަރަންފަރާއި ދޭތެރޭ މަހަށް ނުކުމެ އުޅުނު ޑިންގީއެއް އައި ވިލާގަނޑެއްގައި ޖެހި، ރާޅެއްގައި ބަންޑުން ޖަހާލުމާއި ގުޅިގެން އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފް ބުނީ މިހާދިސާގެ ހިގައިގެން އުޅޭކަން އެމްއެންޑީއެފް ނޮދަން އޭރިއާއަށް އެނގިފައިވަނީ ނޮދަން އޭރިއާ ކުޅުދުއްފުށީގައި އޮންނަ އެމްއެންޑީއެފްގެ ހާބާ ކްރާފްޓް ލޯންޗް ގަޑި ހަމަކުރުމަށް ދުއްވަން ނުކުމެ އުޅެނިކޮށް މިއަދުގެ 15:40 ހާއިރު ކަމަށެވެ.

މިގޮތުން ނޮދަން އޭރިއާގެ ލޯންޗަށް މިހާދިސާ ފެނިފައި ވަނީ ނޮޅިވަރަމާއި ނޮޅިވަރަންފަރާއި ދޭތެރޭ ޑިންގީއެއް ބަންޑުންޖަހާލައިގެން ކަނޑުވެފައި ތިބި މީހުން އެސަރަހައްދުން ދަތުރުކުރި މެރީނާ ނަމަކަށް ކިޔާ ދޯންޏަކަށް ނަގައިގެން އުޅެނިކޮށް ކަމަށާއި ބަންޑުން ޖަހާލި ޑިންގީގައި ތިބި ދެ ފިރިހެނުންނާއި ދެ ކުޑަކުދިން ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފް އިތުރަށް ބުނީ ނޮދަން އޭރިއާގެ ސިފައިން ވަނީ ވަގުތުން މިހާދިސާއަށް އެޓެންޑްވެ ބަންޑުން ޖަހާލި ޑިންގީގައި ތިބި ދެ ކުޑަކުދިން ނޮޅިވަރަމަށް ގެންގޮސް، އެނބުރި ޑިންގީ އޮތް ސަރަހަށްދަށް ގޮސް ޑިންގީ ވަނީ ފުށުން ޖަހާފާ ކަމަށެވެ.

އެމްއެންޑީއެފް ގަލްފް ކްރާފްޓް ލޯންގައި ޑިންގީ ކަފުޖަހައިގެން މި ޑިންގީ މިހާރު ވަނީ ނޮޅިވަރަމަށް މިއަދު ހަވީރު 17:15 ހާއިރު ގެންގޮސްދީފައެވެ. އަދި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށާއި އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފާ ވަނިކޮށެވެ.