ހުޅުމާލެ ރޯ ހައުސްއެއްގައި ރޯވި އަލިފާން 25 މިނެޓު ތެރޭ ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވީ ހުޅުމާލޭ ރޯ ހައުސް 1501 ގެ 3 ވަނަ ފަންގިފިލާގައި ކަމަށާއި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށެވެ. މި ހާދިސާ އެމްއެންޑީއެފަށް ރިޕޯޓު ކޮށްފައި ވަނީ މިއަދު ހަވީރު 4:02 ހާއިރު ކަމަށާއި އޭގެ 25 މިނެޓު ފަހުން 4:27 ގައި އަލިފާން ކޮންޓްރޯލް ކޮށްފައި ވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހުޅުމާލޭގެ ހިތިގަސް މަގު ހައެއްގައި ހުންނަ ރޯ ހައުސްއެއްގައި 3 ވަނަ ފަންގިފިލާގައެވެ. ސޯސަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ރޯވެފައި ވަނީ ރޯ ހައުސްގެ އެންމެ މަތީގައެވެ.

މިއަދު ހުކުރު ވަގުތު ވަނީ ހިޔާގެ 13 ވަނަ ޓަވަރުގެ ތިރީގައި ހުރި ކުނިތަކެއްގައި ވެސް އަލިިިފާން ރޯވެފައެވެ. މިހާތަނަށް ފަސް ފަހަރު މިގޮތަށް ހިޔާ ފްލެޓް ސަރަހައްދުގެ ކުނިތަކުގައި ވަނީ ރޯވެފައެވެ.